ރިޔާސީ އިންތިހާބަށްފަހު، ޓްރާންސެޝަން ދުވަސްވަރު، އެއިރުގެ ސަރުކާރުން އެކުލަވާލި ބަޖެޓަށް، އިންތިހާބީ ސަރުކާރުގެ ފަރާތުން ހުށަހެޅި ގިނަ ކަންކަން ބަޖެޓުން އުނިކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ މައި މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ވޭމަންޑުއަށް ވެސް އެ ވައުދު ވެވަޑައިގެންފައިވާނެ ކަމަށެވެ. ކުދި ރަށްރަށުގެ ބިން އިތުރުކުރުމަކީ ދެމެހެއްޓެނެވި ތަރައްގީއަށް މުހިންމު ކަމެއް ކަމަށާއި އެހެންކަމުން ވޭމަންޑޫގައި ވެސް ބިން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނުގެ ސިޔާސަތެއް ކަމުގައިވާ ސަރަހައްދީ އިގުތިސޯދީ ސެންޓަރުތަކެއް ބިނާކުރުން ވެސް ކާމިޔާބުވާނީ ބިން އިތުރުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަހަރުގެ ބަޖެޓުގަ އަޅުގަނޑުމެން ހެދި ބަޖެޓެއް ނޫން އެނގިވަޑައިގަންނަވާނެ، ހަނދުމަފުޅުހުންނަވާނެ މިހާރު އޮތް މަޖިލީހުން ނިމިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓާ ހުށަހަޅައިގެން ފާސްކޮށްފައި އޮތް ބަޖެޓެއް. އަޅުގަނޑުމެންނަށް ދިން ފުރުސަތުގައި ހިމެނި އެތައް ކަމެއް އުނިކޮށްފަ އޮތީ. ދެން އަންނަ އަހަރަށް އަޅުގަނޑުމެން ފުރުސަތު ލިބޭނީ އަޅުގަނޑުމެން ބޭނުން ގޮތަށް ބަޖެޓު ހަދަން،" ރައީސް ވިދާޅުވިއެވެ.

ބަޖެޓް ނެތް ނަމަވެސް މިއަހަރުގެ ތެރޭގައިވެސް ގާނޫނުއިމުގެ ތެރެއިން ވޭމަންޑޫގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭތޯ ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނުފެށިއްޖެނަމަ އަންނަ އަހަރު ޔަގީނުންވެސް އެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް އަކުރުން އަކުރަށް ފުއްދަވާނެ ކަމާ މެދު ރައްޔިތުން ޝައްކުކޮށްގެން ނުވާނެ ކަމަށެވެ. ސަރުކާރުން ދަނީ ރާއްޖޭގެ އިގުތިސޯދު ރަނގަޅު ކުރުމުގެ މަސައްކަތްކުރަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ތަރައްގީވަމުން އަންނަ ރަށްތަކަށް ތަރައްގީގެ ބޮޑެތި އިތުރު ފުރުސަތުތަކަށް ޖާގަ ދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ރަށްރަށަށް ބޭނުންވާ ބިން އިތުރުކުރުމަކީ އިސްރާފެއް ނޫން ކަމަށާއި އެއީ މުސްތަގުބަލަށް ކުރެވޭ އިންވެސްޓުމެންޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.