ބޭނުންވަނީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރާނެ ބަޔަކާއެކު ކުރިއަށްދާންތޯ ނިންމާނީ ރައްޔިތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑި ސްކޭންކޮށް، ސާވޭކޮށް އަދި މެޕުކޮށް، އެހެން ބަޔަކު ގެންދާ ގޮތަށް އޮތުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އެހެންވެ އެ މަނިކުފާނުގެ ސަރުކާރުން ވަނީ ކުރީ ސަރުކާރުން، އިންޑިއާއެކު ހަދައިފައިވާ ހައިޑްރޯގްރަފީ އެގްރީމެންޓު އާ ނުކުރަން ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އަމިއްލަވަންތަ މިނިވަން ގައުމެއްގެ ގޮތުގައި ދަމަހައްޓަވާނެ ކަމަށެވެ.
"އެކަން ގަބޫލުނުކުރަން އުޅޭ ބަޔަކު އެއީ އެހެން ބަޔަކަށް އެ ކަންކަން ކޮށްދޭން ބޭނުންވެގެން އުޅޭ. ރައްޔިތުން ނިންމަންވީ ކުރިއަށް މިއޮތީ އިންތިހާބެއް. ތިމަންނަމެން އެ މީހުނަށްތޯ ފުރުސަތު ދޭނީ، ދިވެހި ގައުމަށް ތެދުވެރިކަމާއެކު އިހުލާސްތެރިކަމާއެކު މަސައްކަތް ކުރަން ތިބި އަޅުގަނޑުމެންނަށްތޯ ފުރުސަތު ދޭނީ. ކުރިއަށްދާނެ ގޮތް ނިންމާނީ ރައްޔިތުން. އަޅުގަނޑަށް ޔަގީން ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވަނީ ދިވެހި ގައުމުގެ މިނިވަންކަން ސުވާލެއް ނެތި ހިމާޔަތްކޮށްދޭނެ މީހުންނާއެކީ ކުރިއަށްދާންކަން. ޑިބޭޓެއް އޮތް ކަމެއް ނޫންކަން މިއީ. ޔެސް އޯ ނޯ އޮތްކަމެއް މިއީ،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި އީއީޒެޑް ބެލެހެއްޓުމުގެ ވާހަކަ އެ މަނިކުފާނު ދެއްކެވުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔައިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ފަރާތްތަކުން ވަނީ ރާއްޖޭގެ އީއީޒެޑް ޒަމާނުއްސުރެ ބަލަހައްޓަމުން އައީ އެހެން ބައެއް ކަމަށާއި ރާއްޖެއިން އަމިއްލައަށް އެކަން ކުރުމުގެ ގާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ ލަދުވެތި ވާހަކަތަކެއް ކަމަށާއި އީއީޒެޑް އެހެން ގައުމަކާ ހަވާލުކޮށްގެން ބެލެހެއްޓުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ބާރުގައި އީއީޒެޑް ބެލެހެއްޓުމަށް ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަދެއްކީ ކޮން ދިވެހިންތަކެއްތޯ ބަލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިން މަސައްކަތް ކުރަންވީ އީއީޒެޑް އަމިއްލަ ބާރުގައި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު