އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފެންވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް)، މަހުމޫދު މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމްގެ ސައްހަކަން ކަށަވަރު ކުރުމަށް ސައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.
ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ، މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެންދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.
މަހުމޫދުގެ ހަށިގަނޑު ފެނުނު އިރު 30 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.
މި މައްސަލައިގައި ސާލިމް ވަނީ ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައެވެ. އަދި އެއީ ޝައިތޯނާ ކުރުވި ކަމެއް ކަމަށް ބުނެ އޭނާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.
އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ސާލިމް މެރުމަށް ހުސްވި 2022 ވަނަ އަހަރުގެ ފެބްރިއަރީ މަހުގެ 27 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ހައިކޯޓުގައި ކުރިއަށް ދިޔައީ، އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ހުށަހެޅި މައްސަލައެވެ.
މި މައްސަލައިގައި ހަތަރު ނުކުތާއެއް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ އެ މައްސަލައަކީ ސާލިމްގެ އިއުރާފުން ސާބިތުވެފައިވާ މައްސަލައެއް ކަމަށްވާ އިރު، އޭނާގެ އިއުތިރާފާއި އެ އިއުތިރާފުގެ އިތުރުން މައްސަލަ ސާބިތު ކުރުމުގެ ވަސީލަތެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފައިވާ ހެކި ގަރީނާތައް ބޭނުން ކުރެވިފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ކަށަވަރުކުރުމާއި މި މައްސަލަ ދަށު ކޯޓުގައި ހިންގާފައިވަނީ ކުށުގެ ދައުވާ އުފުލި ފަރާތަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތައް ލިބިދީގެންކަން ކަށަވަރު ކުރުމެވެ.
އޭގެ އިތުރުން މީހަކު މަރައިލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އުގޫބާތެއްގެ ގޮތުން ސާލިމް މެރުމަށް ހުކުމް ކޮށްފައިވަނީ އިސްލާމީ ޝަރީއަތުގައި ގިސާސް ހިފުން މަނާކުރާ ސަބަބެއް ސާލިމްގެ ކިބައިގައި ނެތްކަން ކަށަވަރު ކުރުމާއި ސާލިމްގެ ކިބައިން ގިސާސް ހިފުމަށް ކަނޑައެޅުމުގައި އދ. ދަނގެތި މޮނަލާލްސްގެ ކިބައިން މަހުމޫދުގެ ވާރިސުންގެ ބަސް ނަގާފައި ވަނީ ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ މަތިންކަން ކަށަވަރު ކުރުން ވެސް ހިމެނެއެވެ.
މި މައްސަލައިގައި ވާހަކަ ދައްކަމުން ހައިކޯޓުގައި ސާލިމް ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް އެއްބާރުލުން ދީފައިވާ ކަމަަށެވެ. އަދި މައްސަލައިގައި ހުކުމް އިއްވާފައި ވަނީ އޭނާގެ އިއުތިރާފުގައި ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އޭނާގެ އެދުމަކީ އޭނާގެ ސިއްހަތު އެހާ ރަނގަޅު ނޫން ކަމަށްވާތީ، އޭނާއަށް ލުޔެއް ދިނުން ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް އޮޅުން ފިލުވަން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު