މެކްސިކޯއާއި އެމެރިކާގެ އިތުރުން ކެނެޑާގައި ހޯސްޓް ކުރަން ތައްޔާރުވަމުންދާ ވޯލްޑް ކަޕް 2026ގެ ފުރަތަމަ މެޗު، މެކްސިކޯ ސިޓީގެ އަޒްޓޭކާ ސްޓޭޑިއަމްގައި ކުޅެން ހަމަޖައްސައިފިއެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕް ތިން ގައުމުގައި ހޯސްޓް ކުރާއިރު، މިއީ 48 ޓީމާއެކު ވޯލްޑް ކަޕް ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އަދި ކުރިއަށް އޮތް ވޯލްޑް ކަޕް ރެކޯޑް 39 ދުވަހަށް ދެމިގެންދާނެއެވެ.
މީގެ ކުރިން މެކްސިކޯގައި ދެ ވޯލްޑް ކަޕެއް ބާއްވާފައިވާއިރު، އެއީ 1970 އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. މީގެ ކުރިން އެމެރިކާއިން ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓްކޮށްފައެވެ. އަލަށް ވޯލްޑް ކަޕެއް ބާއްވަން ތައްޔާރުވަމުން ދަނީ ކެނެޑާއެވެ.
އަޒްޓޭކާ ސްޓޭޑިއަމަކީ އާޖެންޓީނާގެ ލެޖެންޑަރީ ޑިއޭގޯ މަރަޑޯނާ، "ހޭންޑް އޮފް ގޯޑް"ގެ ހާއްސަ ގޯލުވެސް ޖެހި ސްޓޭޑިއަމެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި އާޖެންޓީނާއިން އިންގްލެންޑާ ދެކޮޅަށް ކުޅެ، 2-1 އިން މޮޅުވީ އަޒްޓޭކާ ސްޓޭޑިއަމްގެ 83،000 މީހުންގެ ކުރިމަތީގައެވެ.
އެ ސްޓޭޑިއަމްގައި މަރަޑޯނާ ވޯލްޑް ކަޕް އުފުލާލުމުގެ އިތުރުން، އޭގެ ކުރިން ޕެލޭވެސް ވަނީ އެ ސްޓޭޑިއަމްގައި ވޯލްޑް ކަޕް ތަށި އުފުލާލައިފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗު، ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ހޯސްޓް ކުރަން ނިންމާފައިވާއިރު، އެ ސްޓޭޑިއަމަކީ 83،000 ސަޕޯޓަރުންގެ ސްޓޭޑިއަމެކެވެ. އެ ސްޓޭޑިއަމަކީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައްވެސް ހޯސްޓް ކުރި ތަނެވެ.
ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ރެކޯޑު 104 މެޗެއް ހޯސްޓް ކުރެވިގެންދާ އިރު، 16 ސިޓީއެއްގައި މެޗުތައް އޮންނާނެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ފިލަޑެލްފިއާ، ހިއުސްޓަން، ސިއޭޓަލް އަދި ސެން ފްރެންސިސްކޯ ހިމެނޭ އިރު، މެކްސިކޯގެ މޮންޓެރޭ އަދި ގުއަޑަލަޖާރާ ހިމެނެއެވެ. އަދި ކެނެޑާގެ ވެންކޫވާ ސިޓީވެސް ހޯސްޓް ސިޓީތަކުގައި ހިމެނެއެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެން އެމެރިކާގައި އެކަނި ހޯސްޓް ކުރަން ނިންމާފައިވާ އިރު، މިފަހަރުގެ ވޯލްޑް ކަޕް ގުރު ނަގާނީ 2025 ވަނަ އަހަރު ފަހު ކޮޅުގައެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް