މިއަހަރު ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އާ އެއާލައިންތަކަށް ވެސް ފުރުސަތު ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ކުރެވޭ މަސައްކަތްތަކުން ރާއްޖޭގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.
"ރާއްޖޭގެ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއްކުރާ ދާއިރާކަމަށްވާ ފަތުރުވެރިކަމަށް ބަލާއިރު، މި އަހަރު ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު މި އަހަރު ނިމި އާ އެއާލައިންތަކުގެ ދަތުރުތައް ރާއްޖެއަށް ފެށުމުން މެދުރާސްތާގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 10.3 ޕަސަންޓުން އިތުރުވަމުން އަންނާނެ ކަމަށެވެ.
"މުޅި އިގުތިސޯދު ސިންދަފާތުކުރުމުގެ މަސައްކަތުގެ މުހިންމު އެއް ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ ރާއްޖެއަށް އެ ދާއިރާއަކުން އެންމެ ބޮޑު ކޮމްޕެރަޓިވް އެޑްވާންޓޭޖެއް ލިބިފައި މި އޮތް ފަތުރުވެރިކަމުގެ ދާއިރާ ވެސް ސިންދަފާތުކުރުން. މިކަން ހާސިލްކުރުމަށް، އާ މާކެޓުތަކާއި ރާއްޖެއާ ދަތުރުފަތުރުގެ ގޮތުން ސީދާ ގުޅުވައިލައި، ލޯންގް ހޯލް ރޫޓްތައް އިތުރުކުރުމަށް މިދަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ އާ ޕްރޮޑަކްޓްތައް ތައާރަފުކުރުމުގެ މަސައްކަތް ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން އަންނަ ކަމަށާއި މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ކަމަށް ލަފާކުރާ ކުރިއެރުމުގެ އިތުރުން، އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް އަދި ދަތުރުފަތުރު ފަދަ ދާއިރާތައްވެސް ކުރިއަށް ހުރި އަހަރުތަކުގައި ދާނީ ބާރަށް ކުރިއަރަމުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެ ހުރިހާ ކަމަކާއެކު މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 5.5 ޕަސަންޓު ކުރިއަރާނެ ކަމަށް އަންދާޒާކުރާ އިރު، މެދުރާސްތާގައި އަހަރަކު އެވަރެޖްކޮށް 7.1 ޕަސަންޓުގައި އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ހިފާފައިވާ އިރު ޗައިނާ އާއި އިންޑިއާގެ މާކެޓު ހިފެހެއްޓިއްޖެ ނަމަ 2.3 މި އަހަރު މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު