ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުނަ ނުދިނުމަށް ގާނޫނީ ބާރުވެރިކަން ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ، ގައުމު އާބާދުކޮށް، ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއް އޮތް ކަމަކަށް ހެދުމަށްޓަކައި ވީ ވައުދުގެ ދަށުން 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މި އަހަރު އެކުލަވާލާނެ ކަމަށެވެ.

"މިކަން ކުރާނީ ރަށްރަށުގެ އާއިލާތަކާ ހަމައިން، ވީހާ ގިނަ ރައްޔިތުންގެ ހިޔާލު ހޯދައިގެން. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމުގެ ޖާގަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ހިޔާލާއި މި އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ މާލިއްޔާއަށް ބުރަ އުފުލަން ނުޖެހޭ ގޮތަށް އާ މަޝްރޫއުތައް ފެށޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި ދައުލަތުގެ ކުންފުނިތަކުން އަރަނިވާނެ ގޮތްތަކެއް ހޯދުގެ އިތުރުން ދައުލަތުގެ ދަރަނި ކުޑަކުރެވޭނެ ގޮތްތަކެއްވެސް ބަލަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ، އެކަންކަން ކުރުމަށް، އެއްވެސް ހަމައެއް ލަމައެއް ނެތި، ދައުލަތުގެ ހަޒާނާއިން އެކި ފަރާތްތަކަށް ބަދަލުދޭން އުފައްދާފައި އޮތް ސެޓްލްމަންޓް ކޮމެޓީ މިހާރު އުވާލައިފައިވާ ކަމަށާއި ސޮވަރިން ފަންޑަށް އަލުން ޑޮލަރު ޖަމާކުރަންވެސް ފަށާފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބޭރު ފައިސާ ގައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދު ކުރިއަރުވަން ކުރާ މަސައްކަތްތަކުން ރާއްޖޭގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.