ބިން ހިއްކުމާއި ގޯތި ދޫކުރުން އަދި ފުލެޓު މަޝްރޫއުތައް މިއަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ބުރިޖުތަކާއި ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި އެތައް ސަރަހައްދެއް ގުޅުވައިލުމުގެ އަމަލީ މަސައްކަތް ފަށައި، އެކަން ކާމިޔާބުކުރާނެ ކަމަށާއި އެގޮތުން އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ދާނީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖަކުން ގުޅުވައިލުން ކަމަށެވެ.
"ހަމައެއާއެކު، ރަށްރަށުގައި ހުރި ގޯތިގެދޮރުގެ ދަތިކަން ހައްލުކުރުމަށް، ބިން ހިއްކުމާއި ގޯތި ދޫކުރުމާއި ފުލެޓު ބިނާކުރުމުގެ މަޝްރޫއުތައް މިއަހަރު އިރާދަކުރެއްވިއްޔާ ފަށާނަން. ހިޔާވަހިކަމެއް ހޯދަން ރައްޔިތުން ކުރަން ޖެހޭ ހޭދަ ލުއިކޮށްދެވޭތޯ ވެސް ސަރުކާރުން މި އަންނަނީ ބަލަމުން. އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ އެންމެ ފުރަތަމަ ނިންމި ކަންކަމުގެ ތެރޭގައި، އަތޮޅުތަކާއި ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައި ހުރި ހައުސިން ޔުނިޓުތަކުގެ ކުލި ވާނީ ކުޑަކޮށްދީފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހިޔާ ފުލެޓުތަކުގެ 7000 ހައުސިން ޔުނިޓުގެ ފިނިޝިން ހަރަދު ފުލެޓުގެ އަގުން މިހާރު އުނިކުރެވިފައިވާ ކަމަށާއި ހިޔާ ފުލެޓުތަކުގެ ފިނިޝިން ހަރަދުގެ ގޮތުގައި 200،000 ރުފިޔާ ކަމަށް ބަލައި، މިދިޔަ މަހުން ފެށިގެން ހަތް އަހަރު ދުވަހަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު 5500 ރުފިޔާއިން 3984.21 ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށެވެ.
"މިގޮތަށް ކުޑަކުރުމުން 110،526 ރުފިޔާ ފުލެޓުގެ އަގުން ކުޑަކޮށްދެވޭ. އަދި ބާކީ 89،473 ރުފިޔާ ކުޑަކުރުމުގެ ގޮތުން ފުލެޓުގެ އަގު ދައްކަން ދީފައިވާ 27 އަހަރުން އެއް އަހަރު އުނިކޮށް 26 އަހަރަށް ވަނީ ކުރުކޮށްދެވިފައި. ހަމަ އެހެންމެ ވިނަރެސް ފުލެޓުގެ ޑައުންޕޭމެންޓުން 50 އިންސައްތަ ކުޑަކޮށް މަހު ކުލިން އެވްރެޖުކޮށް 4200 ރުފިޔާ ވަނީ ކުޑަކުރެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ފުލެޓުތަކުގެ ކުލިން 20 ޕަސަންޓު ކުޑަކުރެވިފައިވާ ސިފައިންނާއި ފުލުހުންގެ ފުލެޓުގެ ކުލި ދައްކަން ފެށުން އެއް އަހަރު ދުވަހަށް ފަސްކުރެވިފައިވާ ކަމަށެވެ. އަދި ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައިވާ ސޯޝަލް ހައުސިން ޔުނިޓުތަކުގެ ޖޫރިމަނާ މިހާރު މައާފުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އަމާޒަކީ، ފަސް އަހަރުގެ މި ދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނުހުންނާނެކަން ޔަގީންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު