ޒަމާނީ އަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމަށާއި އެކަމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)، 24 ގަޑިއިރު ހުއްޓުމެއްނެތި ބެލެހެއްޓޭނެ ގާބިލުކަން ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ގައުމު ދިފާއުކުރެވޭނެ ޒަމާނީ ޢަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900،000 އަކަކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލުކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމު ކުރެވިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމު އުފެއްދި އެންމެ ވަރުގަދަ ބަތަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ބޮޑުރަސްގެފާނާއި އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒައާމަތުގައިވެސް ޤައުމީ ދިފާއީ ބާރު ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ.
"ބޮޑުރަސްގެފާނުގެ ޒަމާނުގައި، މަލަބާރީންނާ ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވިގޮތުގެ ވާހަކަ ދިވެހި ތާރީޚުގައި އެބައޮތް. އެއީ އެ ޒަމާނަށް ބަލާއިރު ވަރުހުރި ދިފާޢީ އާލާތްތަކެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކުރުމާއެކު، ގައުމުގެ ކަންކަން ހިންގުމުގައި ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ، ދިވެހީންނަށާ ދިވެހި ގައުމަށް އިސްކަންދިނުން ނުވަތަ 'ޕްރޯ މޯލްޑިވްސް'ގެ ސިޔާސަތު ކަމަށެވެ.
ޚަބަރު
ޚަބަރު