ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް މާދަމާ ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުށަހަޅުއްވާ ރިޔާސީ ބަޔާން ވެގެންދަނީ މިހާތަނަށް ރައީސަކު މަޖިލީހަށް ހުށަހަޅުއްވާނެ އެންމެ ވިޝަނަރީ ގައުމީ ތަސައްވަރުގެ ރިޔާސީ ބަޔާން ކަމަށް ސަރުކާރުން ބުނެފިއެވެ.

މާދަމާ ރައީސް މުއިއްޒު، ހުށަހަޅުއްވާ ރިޔާސީ ބަޔާނަކީ އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް ރައީސް މަޖިލީހަށް ވަޑައިގަންނަވަނީ ހެނދުނު 8:25 އާއި 8:45 އާ ދެމެދުގެ ވަގުތެއްގައެވެ. ރިޔާސީ ބަޔާން އިއްވަން ފަށާނީ ހެނދުނު 9:00 ގައެވެ.

މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ލާޒިމުވެ ވަޑައިގަންނަވާ ބަޔާނެކެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއީ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް ވަރަށް އުންމީދީ، ވަރަށް މުހިންމު ކަންތައްތަކެއް ރައީސް ފާހަގަކުރައްވާނެ އަދި ހާމަކުރައްވާނެ ރިޔާސީ ބަޔާނެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ދިވެހި ގައުމުގެ އެންމެ މަތީ ވެރިޔަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލު، އެންމެ ވިޝަނަރީ ގައުމީ ތަސައްވަރުތައް މި ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ ކަމަށެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެ ޖަލްސާ ނިންމަވައިލައްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު، ޖަވާބު ދެއްވުމަށް ޖެހިވަޑައިގަންނަވާނެއެވެ.