ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ރައީސް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު އެގޮތަށް ނިންމެވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ހުށަހެޅި ކަރުދާހަށް، ކެބިނެޓް މިނިސްޓަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.
ކެބިނެޓް މަޝްވަރާއަށްފަހު، ރައީސް ނިންމަވާފައިވަނީ ބޭސް ގަތުމަށް "ބަލްކް ޕްރޮކިއުމަންޓް ނިޒާމު" ފުޅާކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަނީ އެ ނިޒާމުގެ ތެރެއިން، ސަރުކާރުން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ހަވާލުކުރައްވާފައިވާ ކުންފުނި ކަމުގައިވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން، ސިއްހީ ހިދުމަތްދޭ ހުރިހާ ހޮސްޕިޓަލުތަކާއި މަރުކަޒުތަކަކުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ބޭސްފިހާރަތަކުން އެ ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ނިންމަވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ނިޒާމަށް ބޭނުންވާ، މިންގަނޑުތަކަށް ފެތޭ ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ގުދަންތައް ސެންޓްރަލީ މޮނިޓާ ކުރާނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ބޭސް އުފެއްދުމަށް ބޭނުންކުރާ އެކިއެކި މާއްދާތަކުގެ ކުއަންޓިޓީ ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކުރުމުގެ ގޮތުން އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމަށް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު