މެލޭޝިޔާގެ ރަސްކަމަށް އައު ބޭފުޅަކު ހުސްވި ހަފުތާގެ ބުދަދުވަހު ވަނީ ވަޑައިގެންފައެވެ. ހުވައިކުރެއްވީ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ކުރިފުޅުމަތީގައެވެ. އޭނާގެ ނަންފުޅަކީ ސުލްތާން އިބްރާހިމް އިސްކަންދަރެވެ. ދިވެހިންނާ ވަރަށްވެސް ރައްޓެހި ނަންފުޅެކެވެ. ދިވެހިރާއްޖޭގައި ދެ ރަސްކަލަކު މި ނަންފުޅުގައި ރަސްކަން ކުރައްވާފައިވާތީއެވެ. މެލޭޝިއާގެ އައު ރަސްގެފާނުގެ އުމުރުފުޅަކީ 65 އަހަރެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ މެލޭޝިއާގެ ސްޓޭޓްތަކުގެ ތެރެއިން ޖޮހޯރަށެވެ. އެއީ އެ ސްޓޭޓްގެ ރަސްގެފާނެވެ. މެލޭޝިއާގެ މަރުކަޒީ ރަސްކަމަކީ ދުނިޔޭގެ އެހެން ގައުމުތަކާ މުޅިން ތަފާތުކޮށް ރޭވިފައި އޮންނަ ރަސްކަމެކެވެ. މެލޭޝިޔާގެ ނުވަ ސްޓޭޓެއްގައި ރަސްކަލުން ތިއްބަވައެވެ. ގައުމުގެ މަރުކަޒީ ރަސްކަމަކީ މިދެންނެވި ނުވަ ރަސްކަލުންގެ މެދުގައި ދައުރުވާ ގޮތަށް ތަރުތީބުވެފައި އޮންނަ ރަސްކަމެކެވެ. ގައުމުގެ ބޮޑު ތަޚުތުގައި ކޮންމެ ސްޓޭޓެއްގެ ރަސްކަލަކަށްވެސް އޮންނަނީ ފަސް އަހަރުގެ ދައުރެކެވެ.

މެލޭޝިޔާގެ ރަސްގެފާނަކީ ގައުމު ހިންގުމުގައި މާބޮޑެތި ބާރުތަކެއް ލިބިފައިވާ ފަރާތެއް ނޫނެވެ. މައިގަނޑު ގޮތެއްގައި ރަމްޒީ ރަސްކަމެކެވެ. އެކަމަކު ޕާލަމަންޓްގެ މެންބަރުންގެ ތެރެއިން ބޮޑުވަޒީރު އައްޔަންކުރުމާއި ކުށްވެރިންނަށް މައާފުދިނުމަކީ ރަސްގެފާނަށް އޮންނަ ބާރުތަކެވެ. ރަސްގެފާނުގެ އަބުރަށް އުނިކަން ލިބޭނެ ބީދަޔަކުން ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް މުޅިން މަނާކަމެކެވެ. މީގެ 76 އަހަރު ކުރިން ފާސްކުރެވިފައިވާ ގާނޫނެއްގެ ދަށުންނެވެ. މި ގާނޫނުގެ ދަށުން ހުރިހައި ސްޓޭޓެއްގެ ސަރަހައްދީ ރަސްރަސްކަލުންނަށްވެސް ހިމާޔަތް ލިބިގެންވެއެވެ. ސުލްތާން އިބްރާހިމް އިސްކަންދަރަކީ މެލޭޝިޔާގެ އެކި ސްޓޭޓްތަކުގެ ވިރާސީ ރަސްރަސްކަލުންގެ ތެރެއިން އެންމެ މުއްސަނދި އަދި އެންމެ މަޝްހޫރު ރަސްގެފާނެވެ. މަޝްހޫރުވުމުގެ ފަހަތުގައިވަނީ އާދަޔާ ޚިލާފު މުއްސަނދިކަން އެކަންޏެއް ނޫނެވެ. އޭނާއާއި އޭނާގެ އާއިލާގެ ބޭފުޅުން ކުރައްވާ ކަންކަމަކީވެސް މަޝްހޫރުވުމުގެ ސަބަބެކެވެ.

މެލޭޝިޔާގައި ޖޮހޯރުގެ ރަސްގެފާނު ފިޔަވައި އެހެން އެއްވެސް ރަސްކަލެއްގެ އަމިއްލަ ސިފައިންނެއް ނުތިބެއެވެ. ސުލްތާން އިބްރާހިމް އިސްކަންދަރަށް އަމިއްލަ ސިފައިންގެ ލަޝްކަރެއް ލިބިގެންވެއެވެ. މިއީ މީގެ 139 އަހަރު ކުރިން އިނގިރޭސީންގެ އިސްތުއުމާރީ ވެރިކަމުގެ ޒަމާނުގައި ޖޮހޯރުގެ ރަސްގެފާނާއި އިނގިރޭސިންނާ ދެމެދު ގާއިމު ކުރެވުނު އެއްބަސްވުމެއްގެ ދަށުން މިއަދާ ހަމައަށްވެސް ދެމިގެން އަންނަ ޚާއްސަ އިމްތިޔާޒެކެވެ. ސުލްތާން އިބްރާހިމް އިސްކަންދަރަކީ ހަގީގީ މާނައިގައިވެސް ބޮޑު ވިޔަފާރިވެރިއެކެވެ. މަހުޖަނެކެވެ. އޭނާގެ މިލްކިއްޔާތުގެ އަގު ހަ ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މައްޗެވެ. ހަމައެކަނި ސިންގަޕޫރުގައިވާ އޭނާގެ ބިންތަކުގެ އަގުވެސް ހަތަރު ބިލިޔަން ޑޮލަރަށް އަރައެވެ. މެލޭޝިޔާގެ މުވާސަލާތީ އެންމެ ބޮޑު ކުންފުނިކަމަށްވާ ޔޫ މޯބައިލްގެ ފަންސަވީސް އިންސައްތަ ހިއްސާގެ މިލްކުވެރިޔަކީވެސް އޭނާއެވެ. މިނޫންވެސް ބޮޑެތި އެތައް އެތައް ކުންފުންޏެއްގައި އޭނާގެ ހިއްސާވެއެވެ.

ސުލްތާން އިބްރާހިމް އިސްކަންދަރަކީ އޭނާގެ މުއްސަނދިކަން ދެއްކެވުމަށްވެސް އިސްކަންދެއްވާ ބޭފުޅެކެވެ. އޭނާގެ މިލްކިއްޔާތުގެ ތެރޭގައި ހައެއްކަ ޖެޓާއި ކުރީޒަމާނުގެ މޮޑެލްތަކުގެ އަގުބޮޑު ކާރުތަކުގެ ތެރެއިން ތިންސަތޭކައެއްހައި ކާރުވެސް ހިމެނެއެވެ. މީގެތެރެއިން އެއްކާރަކީ ޖަރުމަންވިލާތުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ އެޑޮލްފް ހިޓްލަރު ދުއްވި ކާރެކެވެ. މިކާރުގެ ކަންތައް ތިލަވީ ދާދިފަހަކުންނެވެ. ސުލްތާން އިބްރާހިމް އިސްކަންދަރު ވިދާޅުވެފައިވަނީ މިއީ އޭނާގެ މުނިކާފާފުޅާއި ހިޓްލަރާ ދެމެދުއޮތް ރަހުމަތްތެރިކަމެއްގެ ސަބަބުން ހިޓްލަރު ދީފައިވާ ހަދިޔާއެއް ކަމުގައެވެ. ސުލްތާނު އިބްރާހިމް އިސްކަންދަރަކީ ޖޮހޯރުގެ މަގުތަކުގައި އަގުބޮޑު ހާލީ ޑޭވިޑްސަން މޮޓޯސައިކަލުވެސް އާއްމުގޮތެއްގައި ކުޅިވަރަށް ދުއްވަވާ ބޭފުޅެކެވެ. އަދިވެސް މިޒާތުގެ ކިތަންމެ ކަމެކެވެ. ވިޔަފާރި ކުރެއްވުމަކީ މެލޭޝިއާގެ ރަސްރަސްކަލުންނަށް ހުއްދަނޫން ކަމަކަށްވިޔަސް ޖޮހޯރުގެ ޝާހީ އާއިލާގެ ވިޔަފާރިއަށް ފާޑުކިޔާ ބަޔަކު ނޫޅެއެވެ.

ގާނޫނުން ބޭރުގައި ޖޮހޯރުގެ ޝާހީ އާއިލާގެ ބޭފުޅުން ކުރައްވަނީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. ކިތަންމެ ކިތަންމެ ކަމެކެވެ. ސުލްތާން އިބްރާހިމް އިސްކަންދަރުގެ ބައްޕާފުޅާ ދެކޮޅަށްވެސް މީހަކު މެރުމުގެ ދައުވާ އުފުލުނެވެ. ނުވަތަ އިލްޒާމު އެޅުވުނެވެ. ޖޮހޯރުގެ ޝާހީ ގަނޑުވަރުގެ ގޯތިތެރެއަށް ހުއްދަ ނުނަގައި ވަދެގެން އުޅުނު މީހެއްގެ ގަޔަށް ބަޑިޖަހައި މެރުމުގެ މައްސަލައެކެވެ. އެކީގައި ގޮލްފު ކުޅެން އުޅުނު މީހެއްގެ ގަޔަށް ބަޑިޖެހުމުގެ ތުހުމަތުވެސް ސުލްތާން އިބްރާހިމްގެ މައްޗަށް ކުރެވުނެވެ. އޭނާ މަރައިލިކަމަށް ވަނީ މަލާމާތުގެ ހުނުމެއްގެ ސަބަބުންނެވެ. މިއިން އެއްވެސް މައްސަލައެއްގައި ސަރިޔަތެއް ނުހިންގެއެވެ. ޖޮހޯރުގެ ރަސްގެފާނު ކަމަށްވާތީއެވެ. އިމްތިޔާޒުތަކުގެ ސަބަބުންނެވެ. މެލޭޝިއާގެ އެހެނިހެން ވިރާސީ ރަސްކަލުންނަށްވުރެ މިރޮނގުން ޖޮހޯރުގެ ރަސްރަސްކަލުންގެ ކަންތައް އުޅެނީ މާމަތީގައެވެ. ޖޮހޯރަކީ ސިންގަޕޫރާ ޖެހިގެން އޮންނަ ސްޓޭޓެވެ. އެންމެ މުއްސަނދި އެއް ސްޓޭޓަކީވެސް އެއީއެވެ.

މެލޭޝިއާގެ ރަސްކަމަކީ ރަމްޒީ ރަސްކަމަކަށްވިޔަސް ސުލްތާން އިބްރާހިމް އިސްކަންދަރު ގެންގުޅުއްވަނީ އަދި މުޅިން ތަފާތު އެހެން ވިސްނުންފުޅެކެވެ. މަރުކަޒީ ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުސްވި މަހު ސިންގަޕޫރުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވިއެވެ. އަމާޒަކީ ރަސްކަމުގެ ތަޚުތު ފަސް އަހަރުވަންދެން ހަމައެކަނި ހޫނުކުރުމެއް ނޫނެވެ. މެލޭޝިޔާގެ ތާރީޚު ބަދަލުކުރަންވެސް ބޭނުމެވެ. އެކަން ކުރާނަމެވެ. ހަމައެކަނި ރަމްޒީ ބާރުތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅަކު މެލޭޝިއާގެ ތާރީޚު ބަދަލު ކުރައްވާނެ ގޮތެއް އަދިއޮތީ ނޭނގުމެއްގެ ތެރޭގައެވެ. މިހާރު އެނގޭ އެއްޗަކީ އަދި ޔަގީންވާ މިންވަރަކީ ސުލްތާން އިބްރާހީމަކީ އާދަޔާ ޚިލާފު ބޭފުޅެއްކަމާއި ކޮންމެ ކަމެއްވެސް ކުރެއްވުމަށް ފަސްޖެހިވަޑައިނުގަންނަވާ ބޭފުޅެއް ކަމެވެ. އެހެންވީމާ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ސަރުކާރު އޮންނަން ޖެހޭނީ ވަރަށް ބޮޑަށް ލޯހުޅުވައި ފަރުވާތެރިވެގެން ކަމަށް ގަބޫލުކުރެވެއެވެ.