މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކަކަށް ޓިކެޓު ކަށަވަރުވެއްޖެއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރެއްވުމަށް ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން ޓިކެޓު ކަށަވަރު ކުރެއްވީ، ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ)، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުން މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނެވެ.

އެމްޑީޕީގެ މެންބަރުންގެ ތެރެއިން މިހާތަނަށް ނާކާމިޔާބުވެވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފުގެ އިތުރުން ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމަށެވެ.

އަންނަ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ.

ޕްރައިމަރީއަކާ ނުލައި 46 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފައިވާ އިރު، އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 20 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.

މިއަދު ޕްރައިމަރީ ކުރިއަށް ގެންދިޔަ ދާއިރާތަކާ އެކު އެމްޑީޕީގެ ކެންޑިޑޭޓުން ހަމަވެފައި ވަނީ 86 ދާއިރާއަށެވެ. ނަމަވެސް ބާކީ ދާއިރާތަކަށްވެސް ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ދާއިރާ ކާމިޔާބުކޮށް މަޖިލީހުގެ ބޮޑު ސުޕަ މެޖޯރިޓީއެއް ހޯދައިފައެވެ.