މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ނިންމާލައި ނަތީޖާ އިއުލާނުކުރަން ފަށައިފިއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

ބައެއް ދާއިރާތަކުގެ ވަގުތީ ނަތީޖާވެސް މިހާރު ވަނީ ލިބިފައެވެ.

މިއަދު ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަތީ ބޭއްވި އިރު އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއެވެ. ޕްރިމަރީގައި ވޯޓުލުމުގެ ހައްގު 25،325 މީހަކަށް ލިބުނެވެ.

އަންނަ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ.

ޕްރައިމަރީއަކާ ނުލައި 46 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެފައިވާ އިރު، އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 20 މެންބަރަކަށް ވަނީ ކަށަވަރުވެފައެވެ.

މިއަދު ޕްރައިމަރީ ކުރިއަށް ގެންދިޔަ ދާއިރާތަކާ އެކު އެމްޑީޕީގެ ކެންޑިޑޭޓުން ހަމަވެފައި ވަނީ 86 ދާއިރާއަށެވެ. ނަމަވެސް ބާކީ ދާއިރާތަކަށްވެސް ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ދާއިރާ ކާމިޔާބުކޮށް މަޖިލީހުގެ ބޮޑު ސުޕަ މެޖޯރިޓީއެއް ހޯދައިފައެވެ.