އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން ވެސް ފަށާފައިވަނީ އެއް ވަގުތެއްގައެވެ. އެ ދެ ޕާޓީން ވަކިވަކިން ޕްރައިމަރީ ކުރިއަށްގެންދާ އިރު، ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެންޑިޑޭޓުންގެ ގޮތުގައި 149 ކެންޑިޑޭޓަކު ވާދަކުރެއެވެ. އަދި 38 ދާއިރާއަކަށް ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށްދާނެއެވެ. ޕްރައިމަރީގައި ވޯޓުލުމަށް 95 ރަށެއްގައި ވޯޓު ފޮށި ބަހައްޓާ އިރު، މާލޭގައި ބަހައްޓަނީ 27 ފޮއްޓެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 25،325 މީހުންނަށް ލިބިގެންވެއެވެ.
އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނުވެފައިވާ ދާއިރާތަކަކީ އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާ، ފުވައްމުލަކު ސިޓީ ދެކުނު ދާއިރާ، ތިމަރަފުށި ދާއިރާ، ނިލަންދޫ ދާއިރާ، މުލަކު ދާއިރާ، ފެލިދޫ ދާއިރާ، އަދި އޭދަފުށި ދާއިރާއެވެ. އެ ދާއިރާތަކަށް ކުރިމަތިލާފައި ނުވި ނަމަވެސް، އެ ދާއިރާތައް ވެސް އެހެން ޕާޓީތަކަށް ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ މަޖިލިސް ޓިކެޓު ޕްރައިމަރީއަކާ ނުލައި ވަނީ 48 ކެންޑިޑޭޓަކަށް ކަށަވަރުވެފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 20 މެންބަރަކަށް ވަނީ ކަށަވަރުވެފައެވެ.
- ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު
- ހުޅުމާލެ ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޔާޒު، ނިޔާޒަށް ޓިކެޓް ލިބިފައިވަނީ ކުރެންދޫ ދާއިރާއަށް ވާދަކުރެއްވުމަށް
- ގައްދޫ ދާއިރާއަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު (މައިފޫނާ)
- ކަނޑިތީމު ދާއިރާއަށް އަމީން ފައިސަލް
- އިނގުރައިދޫ ދާއިރާއަށް ސަލީމް ހުސައިން
- ހުރާ ދާއިރާއަށް ޝާތިރު އަބްދުއްރަހްމާން
- ދަނގެތި ދާއިރާއަށް ރުގިއްޔާ މުހައްމަދު
- މުލަކު ދާއިރާއަށް މޫސާ ޝިޔާމް އަބްދުއްރަހްމާން
- ގަމު ދާއިރާއަށް އަބްދުﷲ ޝަރީފް
- ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
- ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
- މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
- މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހުމަދު
- ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު
- ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
- ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދުދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް
- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް
- ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް
- މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު
- ދިއްދޫ ދާއިރާގެ މަޖިލިސް އަބްދުﷲ ވަހީދު
މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ވާދަކުރުމަށް ޑިމޮކްރެޓްސް އިން ވެސް ވަނީ ނިންމައިފައެވެ. ނަމަވެސް ބައެއް ދާއިރާތަކުގެ ޕްރައިމަރީއަށް ކުރިމަތިލައިފައެއް ނުވެއެވެ. އެ ޕާޓީގެ ޕްރައިމަރީ ކުރިއަށްދާނީ ވެސް އެންމެ ދެ ދާއިރާއެއްގައެވެ.
ޑިމޮކްރެޓްސްއިން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ 41 ދާއިރާއަކުން 46 ކެންޑިޑޭޓުން ކަމަށެވެ. އޭގެ ތެރެއިން އެއް ކެންޑިޑޭޓުންނަށްވުރެ ގިނައިން ކުރިމަތިލާފައިވަނީ ދެ ދާއިރާއަކަށެވެ.
- ހެންވޭރު ދެކުނު ދާއިރާ
- ހުޅުމާލެ ދެކުނު ދާއިރާ
ޑިމޮކްރެޓްސްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ލިބުނު ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ހިމެނެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓުން ނުވި ދާއިރާތަކަށް ކެންޑިޑޭޓުން ހޯދަން އެ ޕާޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލައިފައެވެ. އެ ދާއިރާތަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ނިންމާފައިވަނީ ޕާޓީގެ ކައުންސިލުންނެވެ. އެގޮތަށް އެކަން ނިންމަން ޖެހުނީ ވާދަވެރި ޕްރައިމަރީއަކަށް ހުޅުވާލާނެ ވަގުތު ނެތުމުން ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު