ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ މ. އަތޮޅުގެ އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުތަކުން ނާލާފުއްޓާއި ވޭވަށް އަދި މުލައް މޮޅުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާއިރު، ރޭވެސް ވަނީ މުބާރާތުގެ އަށް މެޗެއް ކުޅެފައެވެ. އެއީ މ. އަތޮޅުގެ ފުރަތަމަ ހަތަރު މެޗާއި، ގއ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.

މ. އަތޮޅުން މިފަހަރު އަށް ޓީމެއް ބައިވެރިވެފައިވުމާއެކު، އެ އަތޮޅުގެ ގްރޫޕް ސްޓޭޖު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަތޮޅު ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ފެށީ ކޮންމެ ގްރޫޕަކުން ދެމެޗާއެކުގައެވެ.

ގްރޫޕް އެކެއްގައި ރޭ މުލަކުން މަޑުއްވަރި ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި މުލަކުގެ ގޯލުތައް ވިޝާހް ޝަރީފާއި އާދަމް ނިޒާމް ޖެހި އިރު، މަޑުއްވަރީގެ ހަމައެކަނި ގޯލު ޖެހީ ތޮލާލް ނަސީރެވެ. އެ ގްރޫޕްގައި ރޭ ވޭވަށުން ރަތްމަންދޫ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ވޭވަށުގެ އަހުމަދު ޒަޔާން އިސްހާގާއި އިބްރާހީމް އީމާއު، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އިރު، އެޓީމުން އަނެއް ގޯލު ޖެހީ ޔާމީން އަބްދުﷲއެވެ. ރަތްމަންދޫގެ ދެ ގޯލު މެޗުގައި ޖެހީ އިބްރާހީމް ކާމިލްއާއި އަހުމަދު ޝަކީބެވެ.

މ. އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ދިއްގަރުން ރޭ ގްރޫޕް ދޭއްގައި ކުޅުނު މެޗުގައި ނާލާފުށި ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނާލާފުށީގެ ދެ ގޯލު ޖެހީ މޫސާ ނައިސާނާއި އަހުމަދު ރަފާހެވެ. ދިއްގަރުގެ ގޯލު މެޗުގައި ޖެހީ އަލީ މާހިދެވެ.

އެ ގްރޫޕްގައި މުލިން ކޮޅުފުއްޓާ ދެކޮޅަށް ނުކުތް މެޗު 2-2 އިން އެއްވަރުވެގެން ނިމިގެން ދިޔަ އިރު، މުލީގެ ގޯލު ޖެހީ އަބްދުﷲ ނާފިއު އާއި މުހައްމަަދު އިދާނެވެ. ކޮޅުފުށީގެ ދެ ގޯލު ޖެހީ މޫސާ ޒާހިރާއި މުއުމިން ރަޝީދެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.