ޖަލުން ފިލި އިޓަލީގެ މާފިޔާ ބޮސް، ރޮމޭންޓިކް ޑިނާއެއްގައި ހުއްޓައި ހައްޔަރުކޮށްފިއެވެ.

އިޓަލީގައި ހުންނަ އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލުން މިދިޔަ އަހަރު ފިލި އެ ގައުމުގެ އެންމެ ނުރައްކާތެރި 10 ކުށްވެރީންގެ ލިސްޓުގައި ހިމެނޭ އުމުރުން 40 އަހަރުގެ މާކޯ ރަޑުއާނޯ ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެ ގައުމުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

އިޓަލީ ފުލުހުން ބުނީ، މާކޯ ހައްޔަރުކުރީ އެ ގައުމުގެ ދެކުނުގައި އޮންނަ ޕުގްލިއާ ނަމަކަށް ކިޔާ ސަރަހައްދެއްގައި ހުންނަ ރެސްޓޯރަންޓެއްގައި އޭނާ ހުރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ.

ފުލުހުން ވަނީ މާކޯ އެވަގުތު އިނީ އޭނާގެ ލޯބިވެރިޔާއާއި އެކީ ރޮމޭންޓިކް ޑިނާއެއްގައި ކަމަށް ބުނެފައެވެ.

މާކޯ ފިލާފައި ވަނީ އޭނާ ބަހައްޓާފައި ހުރި ގޮޅީގައި ހުންނަ ކުޑަދޮރުން ފުންމާލައިގެން ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހޯދުމަށް އެދުވަސްވަރު ގިނަ އޮޕަރޭޝަންތަކެއް ކުރިޔަށްގެންދިޔަ ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

ޖަލުން ފިލިއިރު އޭނާ ދިޔައީ ޑްރަކް ޓްރެފިކް ކުރި ކަމުގެ ކުށުގެ އިތުރުން މީހުން މެރިކަމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.