ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް އަރައި އިންޑިއާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ދޭން އިންޑިއާ ސަރުކާރަށް، ދިވެހި ސަރުކާރުން އަންގައިފިއެވެ.

ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫގެ ދޯންޏެއް ކަމަށްވާ "އަސުރުމާ-3"ގެ އިތުރުން "މާހޮރާ 3" އަދި "ނިރު7" އަށް އިންޑިއާ ސިފައިން އެރިކަން މީގެ ކުރިން އެމްއެންޑީއެފުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ނަމަވެސް ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓުގާޑު ޝިފް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވާފައި،" ޑިފެންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ގެންދާނެ ކަމަށެވެ.