ރާއްޖެއާއި އިންޑިއާ އެއްބަސްވާ ގޮތެއްގެ މަތިން އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގައި ދުއްވަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާއަށް ދެ ގައުމުން އެކުލަވާލައިފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއު ދެއްލީގައި ވަނީ ބާއްވައިފައެވެ.

އެ ބައްދަލުވުމަށް ފަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިންސާނީ އެހީތެރިކަމާއި މެޑިކަލް އިވެކުއޭޝަންތަކުގައި އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު ބޭނުންކުރުން ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެވޭ ހައްލުތަކެއް ގެނައުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެކި ދާއިރާތަކުން ދެ ގައުމު ދެމެދު ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ބުންޏެވެ. އެ ކަންކަމުގެ އިތުރު ތަފުސީލެއް ބަޔާނުގައި ދީފައެއް ނުވެއެވެ.

ޑޯނިއާއާއި ހެލޮކޮޕްޓަރުގެ ހިދުމަތް ހުއްޓާނުލައި ކުރިއަށް ގެންދިން އިންޑިއާއިން ބޭނުންވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑީއާތަކުން މީގެ ކުރިން ރިޕޯޓުކޮށްފައިވެއެވެ.

މާލޭގައި ބޭއްވި ކޯ ލެވެލް ގުރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ދިވެހި ސަރުކާރުން ވަނީ ހުށަހަޅައިފައެވެ.