ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާއަށް ދެ ގައުމުން އެކުލަވައިލައިފައިވާ ހައި ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގައި އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ މަޝްވަރާތަކަށް ހައި ލެވެލް ކޯ ގުރޫޕެއް އެކުލަވައިލަން ނިންމެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
އެ ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން މިދިޔަ މަހު 14ގައި ރާއްޖޭގައި ބޭއްވި އިރު، ދެވަނަ ބައްދަލުވުން ބާއްވަން އޭރުވެސް ހަމަޖައްސާފައި އޮތީ އިންޑިއާގައެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުން މިއަދު ނިއު ދިއްލީގައި ކުރިއަށްދާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭން އިންޑިއާއަށް ވަޑައިގެންނެވީ ކޮން ބޭފުޅުންނެއް ކަމެއް ނުބުނެއެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުން މި ގްރޫޕުގެ ފުރަތަމަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވަނީ 15 މާޗްގެ ކުރިން ސިފައިން އަނބުރާ ގެންދަން އެދިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް މުއިއްޒު ވަނީ، އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާގެ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ. އަދި ވަނީ އެކަމާ ގުޅޭގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ވެސް މަޝްވަރާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު