މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި، ވާދަކުރަން ހުޅުވާލި ފުރުސަތުގައި އެއްވެސް ކެންޑިޑޭޓަކު ނުވި ދާއިރާތައް އެހެން ޕާޓީތަކަށް ދޫކޮށްނުލާނެ ކަމަށް މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހު ވިދާޅުވީ ކެންޑިޑޭޓުން ނެތް ދާއިރާތަކުގެ ޕްރައިމަރީއަށް އަލުން ނުހުޅުވާނެ ކަމަށެވެ. ފަލާހު ވިދާޅުވީ އެމްޑީޕީގެ ގުނަވަންތަކާ މަޝްވަރާކޮށްގެން ބަލާނީ އެ ދާއިރާތަކަށް ޝައުގުވެރިކަން ހުރި މީހަކު ނެރުމަށް ކަމަށެވެ.

"އެބަ އުޅޭ ފަހެއް ނޫނީ ހަ ދާއިރާއެއް، އަޅުގަނޑުމެން އިއުލާން ކުރި އިރު ނަން ހުށަނާޅާ، އެ ދާއިރާތައް ފިލްކުރަން މިހާރު އެބަ މަސައްކަތްކުރަން، އަޅުގަނޑުމެންގެ ކެންޑިޑޭޓުން ވާދަކުރާނީ، އެހެން ޕާޓީއަކާއެކު ނޯންނާނެ މަޝްވަރާއެއް،" ފަލާހު ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނުވެފައިވާ ދާއިރާތަކަކީ އައްޑޫ ސިޓީ ފޭދޫ ދެކުނު ދާއިރާ، ފުވައްމުލަކު ސިޓީ ދެކުނު ދާއިރާ، ތިމަރަފުށި ދާއިރާ، ނިލަންދޫ ދާއިރާ، މުލަކު ދާއިރާ، ފެލިދޫ ދާއިރާ، އަދި އޭދަފުށި ދާއިރާއެވެ. އެ ދާއިރާތަކުން ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކޮށްފައެއް ނުވެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެންޑިޑޭޓުންގެ ގޮތުގައި 149 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ. އަދި 40 ދާއިރާއަކަށް ވޯޓް ނެގުމުގެ ކަންތައްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. ޕްރައިމަރީގައި ވޯޓުލުމަށް 95 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި މާލޭގައި ބަހައްޓާނީ 27 ފޮށި ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ވޯޓުލާ ކަރުދާސް ހުންނާނީ ކަޅު ކުލައިން ކަމަށާއި މާލޭގައި ވޯޓުލާ ކަރުދާސް ހުންނާނީ ހުދު ކުލައިން ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ މާލޭގައި ވޯޓުލާ ދެ ލިސްޓު އޮންނާނެ ކަމަށާއި އެއީ މާލެއަށް ރަޖިސްޓްވެފައި އޮތް ލިސްޓަކާއި ރަށްރަށުގައި އޮންނަ ލިސްޓު ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 25،325 މީހުންނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.