ދިވެހި ރާއްޖެއަށް މި ވަގުތައް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގައި ޕާކިސްތާނުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަންވާރުލް ހައްގު ކަކަރް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ އަންވާރު އެހެން ވިދާޅުވީ މިއަދު ހެނދުނު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުން ކަމަށެވެ.

ފޯނުން ގުޅުއްވައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށާއި ބައިނަލްއަގުވާމީ މަސްރަހުގައި ދެ ގައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ އިރު، އެފަދަ ކަންކަމުގައި ޕާކިސްތާނުން ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ދުބާއީގައި އޮތް ކޮޕް28 ސަމިޓުގެ ތެރެއިން ރައީސް މުއިއްޒު އާއި އަންވާރު ބައްދަލުކުރައްވާފައި ވެއެވެ. ޕާކިސްތާނުން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް އެހީފޯރުކޮށްދޭނެކަން ހަމަކުރެއްވީ އެ ބައްދަލުކުރެއްވުމަށް ފަހުގައެވެ.