ކޭ ޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކިކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މުދާތައް ހިފަހައްޓަން ނެރުނު އަމުރު ބާތިލްކުރެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ މައްސަލައިގައި މަންޑޭ ދިރިއުޅުނު އެޕާޓްމެންޓާއި އޭނާ ގެންގުޅުނު އަގު ބޮޑެތި ސާމާނުތައް ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރު ފުލުހުން ވަނީ ހިފަހައްޓައިފައެވެ. އެތަކެތީގެ އަގު 14.8 މިލިއަން ރުފިޔާއަށް އަރައެވެ.
އެ އަމުރު އިސްތިއުނާފު ކުރަން މަންޑޭގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ އެފަދަ މައްސަލަތަކުގައި އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް މުދާ ހިފެހެއްޓުމުގެ ބާރު އޮންނަ ކަމަށާއި މަންޑޭގެ މައްސަލައިގައި އަމުރު ނެރުނީ ވެސް އެގޮތަށް ކަމަށެވެ.
"ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން ހުށަހެޅިފައި މިވާ އިސްތިއުނާފަށް ބިނާކޮށް، ހުޅުމާލެ ކޯޓުގެ އަމުރު ބާތިލުކުރާނެ ތަނެއް ނެތްކަން ކަނޑައަޅަން ފެނޭ،" ފަނޑިޔާރު އަބްދުލްމާނިއުގެ ރައުޔުގައި ވިދާޅުވިއެވެ.
އެ ރައުޔުއަށް އެ މައްސަލަ ހައި ކޯޓުގައި ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސެއިން މަޒީދު ތާއިދުކުރެއްވިއެވެ.
ކޭ ޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރިމިނަލް ކޯޓުގައި އޮތީ އުފުލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު