ރާއްޖޭގެ އުތުރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދިވެހި ކަންނެލި ދޯންޏަކަށް އިންޑިއާގެ ސިފައިން އެރީ ތުރާޔާ ނަމަކަށް ކިޔާ ފޯނެއް ބޭނުންކުރާ ކަމަށް ތުހުމަތުކޮށް އޭގެ ނަންބަރު ހޯދުމަށް ކަމަށް ބުނެ ކަމަށް އެ ދޯނިން ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި އިންޑިއާ ސިފައިން އަރާފައިވަނީ، އދ. މަހިބަދޫގެ "އަސުރުމާ 3" ދޯންޏަށެވެ. އެ ދޯނިން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި އެ ދޯންޏަށް އިންޑިއާގެ އަސްކަރީ ދެ މަނަވަރެއް ކައިރިކޮށް އޭގައި ތިބި ސިފައިން އަރާފައިވަނީ ކުޅުދުއްފުށީ ސިޓީގެ ބޭރުން މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

"ދޯންޏަށް އަރާފައި ބުނީ ތުރާޔާ ފޯނު ނަންބަރު ދޭށޭ. 15 ވަރަކަށް މިނެޓު ވާނެ ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެން ދޯނި އުޅުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި. އަދި މި ސަރަހައްދުގައި ތުރާޔާ ސެޓްލައިޓު ފޯނު ބޭނުންވެސް ކުރެވޭނެ. އެހެންނަމަވެސް އަޅުގަނޑުމެން ދޯނީގައި ބޭނުންކުރަނީވެސް އެހެން ބްރޭންޑެއްގެ ސެޓްލައިޓް ފޯނެއް" އެ ދޯނިން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

މި މައްސަލަ މިހާރު ސަރުކާރުގެ ސަމާލުކަމަށް ގެނެސް، އެމްއެމްޑީއެފްގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށް އެނގިފައިވެއެވެ.