ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންވާ ބައެއް ވަޒީރުންނަށް، ރައްޔިތުންގެ މަޖިލީހުން ނުދިނުމަކީ ރައްޔިތުންގެ ނިންމުމަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ރުހުން ދެއްވައިފައެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
ނައިބު ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުން މިއަދު ފެނިގެންދިޔަ މަންޒަރަކީ ޑިމޮކްރަސީއާ ބީރައްޓެހި މަންޒަރުތަކެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެން ދިޔައީ ޑިމޮކްރަސީގެ އަސްލުތަކާ ބީރަށްޓެހި މަންޒަރެއް. ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް މުތުލަގަށް ހުރަސްއެޅުން. މި ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރައްވާނެ ކަމަށް އުންމީދުކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މަޖިލީހުން ރުހުން ނެތް ކަމަށް ފާސްކުރި އެ ތިން މިނިސްޓަރުން އަލުން މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވައިފައެވެ. ރައީސް އޮފީހުގައި އެކަމަށް ހާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިން މިނިސްޓަރުންނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.
އެ ތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރެއްވުމުން، ރުހުން ހޯދުމަށް އަނެއްކާވެސް މަޖިލީހަށް ފޮނުވަން ޖެހޭނެއެވެ. ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހޭނީ މަގާމަށް އައްޔަންކުރާތާ ހަތް ދުވަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު