ކުޑަކުއްޖަކު ނުވަ އަހަރު ވަންދެން އެކަނި އުޅެން ދޫކޮށްލި މަންމައަކު ޖަލަށް ލައިފިއެވެ.

ފްލާންސުގެ ކޯޓަކުން ވަނީ އެގައުމުގެ މަންމައަކު އޭނާގެ ނުވަ އަހަރުގެ ކުޑަ ފިރިހެން ދަރިފުޅު، ދެއަހަރު ވަންދެން އެކަނި އުޅެން ދޫކޮށްލި ކަމުގެ ކުށުގައި 18 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ.

ފްރާންސުގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވާގޮތުން އެ އަންހެން މީހާ އޭނާގެ ދަރިފުޅު އެ ގައުމުގެ ޗާރެންތޭ ސަރަހައްދުގައި ހުންނަ ނާސެކް ޓައުންގައި ދިރިއުޅުނު ގޭގައި އެކަނި އުޅެން ދޫކޮށްލުމަށްފަހު އޭނާގެ ބައިވެރިޔާއާއި އެކީ 2020 ވަނަ އަހަރުން 2022 ވަނަ އަހަރު ވަންދެން ވަކީން އުޅެފައިވެއެވެ.

ކުއްޖާ ގޭގައި އެކަނި އުޅުނުއިރު ކައި އުޅުނީ ދަޅުގައި ބަންދުކޮށްފައި ހުންނާ ކާނާއާއި ކޭކާއި އެކުއްޖާ އެކި ތަންތަކުން އެއްކުރާ ކާއެއްޗެހި ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެ ކުއްޖާ ދިރިއުޅުނު ޓައުނުގެ މޭޔަރާ ހަވާލާދީ ނޫސްތަކުގައި ވަނީ އޭނާއަށް އެ ކުއްޖާ ފެންނަ ކަމަށާއި އެކަނި ސްކޫލަށްވެސް ދާކަމަށް ފާހަގަވެފައިވާ ކަމަށް ބުނެފައެވެ. މޭޔަރު ވަނީ އެ ކުއްޖާގެ މަންމަ އެކިފަހަރު މަތީން ފައިސާގެ އެހީއަށް އެދޭ ކަމަށާއި އެ އަންހެންމީހާއަށް އެހީވެސް ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެކުއްޖާ ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ އެހެން މީހުންނަށް އެކަން ފާހަގަވެގެން ފުލުހުންނަށް ރިޕޯޓު ކުރުމާއެކު އެކުއްޖާ ވަނީ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.