ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރެއްވުމަށް އެމްޑީޕީން ކުރާ މަސައްކަތް ނާކާމިޔާބު ކޮށްލާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރަކު "ވަން" އަށް މިއަދު ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައި އެކަމަށް ބޭނުންވާ ސޮއި މިއަދު ހަމަކޮށްފައިވާ ކަމަށެވެ. ރައީސް މުއިއްޒު މަގާމުން ވަކިކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެން ކަމަށާއި ރައީސް މުއިއްޒު ވަކިކުރައްވަން މިއަދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މަޖިލީހުގެ އިދާރާގައި ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސް މުއިއްޒު މަގާމުން އަޒުލުކުރުމުގެ ފުރުސަތު ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ނުދޭނެ ކަމަށެވެ.

"އެކަން އަޅުގަނޑުމެން ހުއްޓުވާނަން. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފައި ރައީސް އަޒުލު ކުރަން ޖެހޭނެ ކަމަކަށް ފުރުސަތެއް ނުދޭނަން. އެހެން ހީކޮށްގެން ނުވާނެ، ބަޔަކު ސޮއިކޮށްލާފަ އެހެން ލިޔަކަސް އެ ފުރުސަތެއް އަޅުގަނޑުމެންނެއް ނުދޭނަން،" ސަލީމް ވިދާޅުވިއެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވީ އެމްޑީޕީން ބޭނުންވާހާ ގޮތަކަށް ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންނުދާކަން ނިމިދިޔަ ރިޔާސީ އިންތިހާބުން އެނގިގެންދިޔަ ކަމަށާއި 53.9 ޕަސަންޓުގެ އަޣުލިބިޔަތަކުން ދިވެހި ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް މުއިއްޒު އިންތިހާބުކޮށްފައި ކަމަށެވެ.

ތާރިގު ވިދާޅުވީ ނިމެމުންދާ މަޖިލީހުގެ މެމްބަރުންތަކެއް އަދި އެމްޑީޕީގެ ގިނަ މެންބަރުން މިއަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަނީ ވެސް އަލުން އިންތިހާބުވެވަޑައިނުގަންނާނެތީ ކަމަށެވެ. ނިމެމުންދާ މަޖިލީހަކުން ރައީސް މުއިއްޒު އަޒުލު ކުރެއްވުމަށް މަސައްކަތް ކުރެއްވިޔަސް އެކަމެއް ކާމިޔާބެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން މިއަދު ވަނީ އެ ޕާޓީގެ ވިޕްލައިންތަކާ ހިލާފަށް ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައި ކަމަށް ތާރިގު ވިދާޅުވިއެވެ. އެކަމުން ވެސް އެނގެނީ އެމްޑީޕީން ބޭނުންވާހާ ގޮތަކަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދުތައް ނުލިބޭކަން ކަމަށް ވިދާޅުވިއެވެ.

"ދެން ތި ފާހަގަކުރި ނަމްބަރު ހަމަވާ ވާހަކަ. ގާނޫނުއަސާސީގެ ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޖުމުލަ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުންތައް މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައި ހުރީ 87 އެއީ ޖުމުލަ މެމްބަރުކަމަށް ބަލައިގެން. މިހާރު މަޖިލިސް ގަވާއިދަށް ބަދަލު ގެނެސްފަ އެއޮތީ މިހާރު ތިބި އަދަދަކީ ޖުމުލަ މެމްބަރުންކަމަށް ކަނޑައަޅައިފިކަމަށްވާނަމަ މީގެ ކުރިން ނިންމާފަ ހުރި ނިންމުންތައް ހިލާފުވާނެ،" ތާރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރެއްވުމަށް ޖުމުލަ އަދަދުން ބަލާކަމުގައިވާނަމަ 56 މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށެވެ. އެމްޑީޕީން މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަށް ގެންނަން އުޅޭ ބަދަލުގެ މައްސަލަ ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ތާރިގު ވިދާޅުވިއެވެ. އެމްޑީޕީން މަޖިލީހުގެ ގަވާއިދުގެ ބަދަލުކުރުމުގެ މަސައްކަތް ކުރަން އުޅެނީ ގާނޫނާހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު މަގާމުން ދުރުކުރުމުގެ ގަރާރުގައި ރައްޔިތުންގެ މަޖިލީހުގެ 34 މެންބަރަކު ވަނީ ސޮއިކޮށްފައެވެ.