ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރަކަށް އެމްޑީޕީން ރުހުން ނުދިނީ ވަކި ފަރާތަކުން އަންގައިގެން ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ރުހުން ދެއްވައިފައެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

މަޖިލީހުގެ އިދާރާގައި ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އެމްޑީޕީއަށް އަދި އޭނުންވެސް ބަޔަކަށް އެ ތިން ވަޒީރުންނަށް ރުހުން ނުދޭންވި ސަބަބެއް ނުދެއްކޭނެ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް އެ ބޭފުޅުންނާ ވާހަކަ ދެއްކިން. މަޝްވަރާ ވެސް ކުރިން. ލީޑާޝިޕާ ވެސް ކުރިން ވާހަކަ ދެއްކިން. އެއްވެސް މަގެއް ނުދެއްކި. އެބޭފުޅުން ވިދާޅުވަނީ އެއްވެސް ސަބަބެއް ނެތޭ. ހަމަ ވަކި ފަރާތަކުން އެންގީމާ ތިމަންނަމެން އެގޮތަށް މި ވޯޓު ދެނިއްޔޭ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ބޭނުންވަނީ ކެބިނެޓުގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ މެމްބަރުންނަށް ގުޅުއްވައި، ރުހުން ނުދޭން އެންގިކަމަށް ސަލީމް ވިދާޅުވިއެވެ.

ވަކި މީހަކު ވަކި ގޮތަކަށް އަމަލުކުރަން އެންގިޔަސް މަޖިލިސް މެމްބަރުން އެގޮތަކަށް އަމަލުކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލިސް މެމްބަރުން މަސައްކަތް ކުރަންޖެހޭނީ މުޅި ގައުމުގެ މަސްލަހަތުގައި ކަމަށް ސަލީމް ވިދާޅުވިއެވެ. ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީން ނިންމީ އެ ޕާޓީގެ އެކްޓިވިސްޓުން ހިތްހަމަޖެއްސުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެ ބޭފުޅުންގެ އެކްޓިވިސްޓުން ހަަމަޖެއްސުމަށްޓަކައި ނޫނީ މަޖިލިސް އިންތިހާބަށް އެމީހުން ހީކުރާ ގޮތުގައި އެމީހުންނަށް މަގުފަހިވަނީ ކޮންމެވެސް ބަޔަކު މީގެ ތެރެއިން ދުއްވާލީމައި ކޮންމެވެސް އެމީހުންނަށް ވޯޓުދޭން ތިބޭ ބަޔަކު ހިތްހަމަޖެހޭނެ،" ސަލީމް ވިދާޅުވިއެވެ.

ރުހުން ނުދިނުމަށް ފާސްކުރި ތިން ވަޒީރުންނަކީ އެ ބޭފުޅުން ހަވާލުވެފައިވާ ދާއިރާއިން ތައުލީމާއި ތަޖުރިބާ ހާސިލުކުރައްވައިގެން ތިބި ގާބިލު ބޭފުޅުން ކަމަށް ސަލީމް ވިދާޅުވިއެވެ.