ކ. ގުޅިފަޅުން ހިއްކަން ކަނޑައަޅާފައިވާ ބޮޑު ބައެއް ހިއްކާ ނިންމާލައިފިއެވެ.

ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅުން ހިއްކަން ހަމަޖައްސާފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓުގެ ބިން އިއްޔެއާއި ހަމައަށް ހިއްކައި ނިންމާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅު ހިއްކަން ފެށީ މާލޭ ވިޔަފާރި ބަނދަރު އެތަނަށް ބަދަލު ކުރުމުގެ އިތުރުން މާލޭ މީހުންނަށް 2،000 ގޯތި ދިނުމަށެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގައި ހަދަން ނިންމި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، މާލޭ ސަރަހައްދުގައި ރީއެކްސްޕޯޓް ކުރުމަށް ހާއްސަ ސްޕެޝަލް އިކޮނޮމިކް ޒޯނެއް ކަނޑައަޅަން ނިންމައިފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން 300 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިގެން ހިންގާ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ހޮލެންޑުގެ ބޮސްކާލިސް ކުންފުންޏާ އެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ)އެވެ.