ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނަސް، ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކެއް ބަދަލެއް ނައިސް ހިދުމަތްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެތަކެއް އަހަރު ވަންދެން އެމްޑީޕީން ވަނީ އޭނާގެ އަބުރު ކަތިލައިފައި ކަމަށެވެ. އަބުރު ކަތިލުމުގެ މަސައްކަތުގެ ތެރެއިން އެމްޑީޕީން ވަނީ އޭނާގެ ދަރިންނަށް ގިނަ ދުއްތުރާތަކެއް ކުރިމަތިކޮށްފައި ކަމަށް ޝަހީމު ވިދާޅުވިއެވެ. އަދި އެމްޑީޕީން ވަނީ 2018 ވަނަ އަހަރު އޭނާއަކީ ޓެރަރިސްޓަކަށް ހަދައިފައި ކަމަށާއި އެމްޑީޕީގެ ސަބަބުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި އޭނާ އަދާކުރައްވަމުން ގެންދެވި ވަޒީފާއަށް ވެސް ހުރަސް އެޅިގެން ދިޔަ ކަމަށެވެ.
"އެމްޑީޕީއަށް މަޖިލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ރުހުން ނުދިނަސް އަޅުގަނޑުގެ ހިދުމަތްތަކަށް ކުޑަވެސް ބަދަލެއް ނާންނާނެ. އިންޝާ ﷲ އަބަދުވެސް ދިވެހި ގައުމާއި ރައްޔިތުންނާއި އުންމަތަށްޓަކައި ގަދަވެ ސަލާމަތުން ހުރިހައި ދުވަހަކު އަމިއްލަ ހައިސިއްޔަތުން ވެސް ހިދުމަތުގައި ދެމި ހުންނާނެ. ރައީސް ޑރ. މުއިއްޒު އަޅުގަނޑާ ހަވާލުކުރެއްވި އަމާނަތް އިހުލާސްތެރިކަމާއެކު އަދާކުރަމުން މި އަންނަނީ ވަރުބަލިކަމެއް ނެތި،" ޝަހީމު ވިދާޅުވިއެވެ.
މިއީ އިސްލާމިކް މިނިސްޓަރުކަން ކުރައްވާ ތިންވަނަ ފަހަރުކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ "ހިޔަލުގައި ފެންނަން ހުރި ކިތަންމެ ކަމެއްގައި އަޅުގަނޑުގެ ހިއްސާ އޮންނާނެ" ކަމަށެވެ. މިނިސްޓަރުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ އަމާނަތްތެރިކަމާއެކު މަސްއޫލިއްޔަތުތަކަށް އިސްކަން ދެއްވައިގެން ކަމަށާއި ނަފުސަށްވުރެ ބޮޑަށް އިސްކަމެއް ދީގެން ހުރިހާ ޕާޓީއެއްގެ މެންބަރުންނަކީ އަހުންނާއި އުހުތުން ކަމަށް ދެކިގެން ކަމަށް ޝަހީމު ވިދާޅުވިއެވެ.
"އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައިވާ ފަރާތްތަކުން އަޅުގަނޑަށް ނަފުރަތު ކުރަނީ ނާގާބިލު ވެގެން ހެއްޔެވެ؟ ނުވަތަ މިއީ ދާއިމީ ޒާތީކަމެއް ހެއްޔެވެ؟ އެދެވޭ ސަބަބެއްނެތި އެމްޑީޕީން ރާއްޖޭގެ އިސްލާމީ ކަންކަން ހިންގަން ހުރި އެންމެ އިސް ފަރާތް ދުއްވާލަން އުޅުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބެއް ހެއްޔެވެ؟ ނުވަތަ ފޮރުވިފައިވާ ހަގީގަތަކީ ކޮބައިތޯއެވެ،" ޝަހީމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ މިނިސްޓަރު ޝަހީމު ހިމެނޭހެން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް، ރުހުން ނުދޭން ނިންމައިފައެވެ.
އެމްޑީޕީން އެގޮތަށް ނިންމާފައިވާ އިރު، ބަންޑާރަ ނައިބު އުޝާމާއި އިސްލާމިކް މިނިސްޓަރު ޝަހީމާއި ހައުސިން މިނިސްޓަރު ހައިދަރަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ނިންމައިފައެވެ. ދަ ޑިމޮކްރެޓްސް އިން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމާފައިވާ އިރު، އެ ޕާޓީން ވަނީ ސައީދަށް ރުހުން ދޭން ނިންމައިފައެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ސަރުކާރު މެންބަރުން ވަނީ ހުއްޓުވައި، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެވެ. އަދި މިރޭ ބޭއްވި ޖަލްސާއަށް ވެސް ސަރުކާރު މެންބަރުން ވަނީ ހުރަސް އަޅައި، ޖަލްސާ ކުރިއަށް ގެންދިއުން ހުއްޓުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު