ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު، އެ ކޮމެޓީން ފާސްކުރި ރިޕޯޓާ އެކު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެ މައްސަލަ ދިރާސާކުރި ރިޕޯޓުގައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައެވެ.
ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ މައްސަލަ ދިރާސާ ކުރަން މަޖިލީހުން އެ ފަހަރު ކޮމިޓީއަށް ފޮނުވުމުން، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހަން ކޮމިޓީން ފާސްކޮށް އެ ރިޕޯޓް މަޖިލިސް ތަޅުމަށް ފޮނުވިއެވެ. އެއީ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.
އެ ފަހަރު އެ މައްސަލަ މަޖިލިސް ތަޅުމަށް އެޖެންޑާ ކުރި ނަމަވެސް މިނިސްޓަރުން ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަޅާފައި ނުވާތީ އާއި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށް ކޮމިޓީން ފާސްކޮށް އެ ރިޕޯޓުގައި ހިމަނާފައި ނުވާތީ، އެއީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް މެންބަރުން ފާހަގަކުރެއްވުމުން، އެކަމަށް ގޮތްތަކެއް ކަނޑައެޅުމަށް ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެ ރިޕޯޓު އަލުން އަނބުރާ ކޮމިޓީއަށް ފޮނުއްވިއެވެ.
ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައިރުވެސް ކޮމިޓީގެ ކޯރަމް ހަމަނުވެގެން ގޮތެއް ނުނިމި އެ މައްސަލަ އޮތީ ކޮމިޓީގައެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީ ރިޕޯޓުގައި ހިމަނަން ހުށަހެޅުއްވީ، ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ތާއީދު ކުރެއްވީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.
އެގޮތަށް 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ އޭރު ކޮމެޓީގައި ތިއްބެވި ފަސް މެންބަރުން ވޯޓު ދެެއްވައިގެންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު މެންބަރަކު ތިއްބެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު