ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުން ނިންމައިފިއެވެ.

މިއަދު އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު އެ ނިންމުން ނިންމީ އެ ގުރޫޕުގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އެގޮތަށް ނިންމީ ދަ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކަށް ބަލާއިރު، އެ ޕާޓީ އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާތީ ކަމަށް ބުންޏެވެ.

"ދަ ޑިމޮކްރެޓްސް ގަބޫލުކުރާގޮތުގައި ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ." އެ ބަޔާނުގައި ބުންޏެވެ.

އެ ޕާޓީން ބުނީ ސަރުކާރާއި ވަޒީރުން ޒިންމާދާރުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ޑިމޮކްރެޓްސްގެ ޕީޖީން އަމަލު ކުރަމުން ދާނީ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމާމެދުވެސް އަމަލުކުރަމުން ދާނީ އެގޮތަށް ކަމަށް ބުންޏެވެ.

ޑިމޮކްރެޓްސްއިން އެ ނިންމުން ނިންމާފައިވާއިރު، ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު، ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާރު، ޖަލްސާ ފަށައިގެން މިހާރު ކުރިއަށް އެބަ ދެއެވެ.

ދާދި ފަހުން ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. އެ ދެ ޕާޓީން ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކައާ މިހާރު ކަންކަން ވަމުން އަންނަ ގޮތާއި ކުރަމުން އަންނަ ގޮތާ ދިމާ ނުވާ ކަމަށެވެ. ހާއްސަކޮށް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށާއި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ. ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ނިންމީ ގައުމުގެ ޑިމޮކްރެޓިކް މުސްތަގުބަލު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް ކަމަށް ވިދާޅުވިއެވެ.

ދެ ޕާޓީ ގުޅިގެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެ ވެއެވެ.