އިޓަލިއަން ސެރެއާ އޭގައި ރޭ އޭސީ މިލާނުން ކުޅުނު މެޗުގައި 2-2 އިން ބޮލޯނިއާ ކައިރިން އެއްވަރު ވެއްޖެއެވެ.

މިލާނުން އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެއްވަރުވި އިރު، އެޓީމުން މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އެއީ 22 މެޗުން 46 ޕޮއިންޓާއެކުގައެވެ. އިޓަލީ ލީގުގެ އެއްވަނައިގައި މިވަގުތު ޔުވެންޓަސް އޮތީ 22 މެޗުން 53 ޕޮއިންޓާއެކުގައެވެ. ޔުވެންޓަސްއަށްވުރެ ދެމެޗު މަދުން ކުޅެގެން 51 ޕޮއިންޓް ހޯދައި، އިންޓަ މިލާން ދެވަނައިގައި އޮތް އިރު، ހަތަރު ވަނައިގައި އޮތޯ އެޓަލާންޓާއެވެ. އެއީ 21 މެޗުން 36 ޕޮއިންޓާއެކުގައެވެ.

މިލާނުން ރޭގެ މެޗުގެ 17 ވަނަ މިނެޓު ހާއްސަކުރީ އެޓީމުގެ ފްރާންސް ގޯލްކީޕަރު މައިކް މިނިޔޯއަށެވެ. އެއީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ސެރެއާ އޭގައި އޭސީ މިލާނާއި އުޑިނޭޒީ ވާދަކުރި މެޗުގެ ތެރެއިން މިލާންގެ ކީޕަރު މައިކަށް އުޑިނޭޒީ ސަޕޯޓަރުން ނަސްލީ ގޮތުން ދިމާކުރި ކުރުމަށް، އޭނާއަށް ހިތްވަރު ދޭން ހާއްސަ ކުރި ވަގުތު ކޮޅެކެވެ.

މާޓިން ލުދާ ކިންގްގެ ބަސްކޮޅެއް ސްޓޭޑިއަމް ސްކްރީނަށް އަޅުވައި، މެޗުގެ 17 ވަނަ މިނެޓުގައި ދެޓީމުގެ ކުޅުންތެރިންވެސް ކުޅުން މެދުކަނޑާލައި، ސަޕޯޓަރުންނާއެކު ބައިވެރިވެ ހާއްސަ އިހުތިރާމެއް މައިކަށް އަދާކުރިއެވެ. 17 އަކީ މައިކްގެ ޖާޒީ ނަންބަރެވެ.

ރޭގެ މެޗުގައި އޭސީ މިލާންގެ ދެ ގޯލުވެސް ރުބެލް ލޮފްޓަސް-ޗީކު ޖެހި އިރު، ބޮލޯނިއާއިން ގޯލު ޖެހީ ޖޯޝުއާ ޒިރްކްޒީއާއި ރިކާޑޯ އޮރްސޮލީނީއެވެ.

މެޗުގެ 42 ވަނަ މިނެޓާއި 74 ވަނަ މިނެޓުގައި މިލާނަށް ޕެނަލްޓީ ލިބުނު ނަމަވެސް ދެ ޕެނަލްޓީވެސް ވީ ނާކާމިޔާބެވެ. ފުރަތަމަ ޕެނަލްޓީ އޮލިވިއޭ ޖިރޫ ޖެހި އިރު، އަނެއް ޕެނަލްޓީ ނާކާމިޔާބުވީ ތިއޯ ހެނާންޑޭޒް އަތުންނެވެ.