އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ފުރަތަމަ ޖާގަތައް ނައިޖީރިއާއާއި އެންގޯލާއިން ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފޯރިގަދަ މެޗުތަކަށްފަހު ރޭ ގަދަ 16ގެ މެޗުތައް ފަށާފައިވާ އިރު، އެންގޯލާއިން ކުއާޓާ ޔަގީންކުރީ ނަމީބިއާ ކައިރިން ހޯދި 3-0 ގެ ފުރިހަމަ މޮޅާއެކުގައެވެ.

މި މެޗުގައި ދެ ރަތް ކާޑު ފެނިގެން ގޮސްފައިވާ އިރު، އެންގޯލާއަށް ފުރަތަމަވެސް މެޗުގައި ކުރިމަތިވީ މާޔޫސް ކަމާއެވެ. 17 ވަނަ މިނެޓުގައި ޓީމުގެ ކީޕަރު، ސިޕްރިއާނޯ ޑަ ކްރޫޒް އޭރިއާ ބޭރުން ބޯޅައިގައި އަތުން ޖެއްސުމުން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައިފައެވެ. އެހިސާބުން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް އެންގޯލާއިން ވަނީ ލީޑު ނަގައިފައެބެ. އެ ގޯލު ޖެހީ މުއޮންޑޯ ޑާލާއެވެ.

ޑާލާގެ ފުރަތަމަ ގޯލަށް މާ ގިނައިރެއް ނުވެ، ނަމީބިއާގެ ޑިފެންޑަރު ލުބޭނީ ހައުކޮންގޯއަށްވެސް ދެވަނަ ރީނދޫ ކާޑައާއެކު ރަތް ކާޑު ދެއްކިއެވެ. ދެޓީމުންވެސް 10 ކުޅުންތެރިންނާއެކު ހާފު ނިންމާލަން ދަނިކޮށް، ޑާލާ ވަނީ އިތުރު ގޯލަކާއެކު އެންގޯލާއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފަށް ނުކުމެވެސް އެންގޯލާ ރަނގަޅަށް ކުޅެ، ގޯލު ޖެހިއެވެ. އެޓީމުގެ ތިންވަނަ ގޯލު ޖެހީ މަބުލޫލޫއެވެ. މިއީ 2010 ވަނަ އަހަރަށްފަހު އެންގޯލާ އެފްކޯންގެ ކުއާޓާއަށް ދިޔަ ފުރަތަމަ ފަހަރެވެ.

އެންގޯލާއިން ކުއާޓާގައި ނައިޖީރިއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، ނައިޖީރިއާ ކުއާޓާ ޔަގީންކުރީ 2-0 އިން ފަސް ފަހަރުގެ ޗެމްޕިއަން ކެމަރޫން ބަލިކޮށްގެންނެވެ.

އަބީޖާންގައި ރޭ ކުޅުނު ގަދަ 16 ގެ މެޗުގެ ފުރަތަމަ ހާފުގައި ނައިޖީރިއާއިން މެޗުގެ ލީޑު ނެގިއެވެ. ނަޕޯލީގެ ފޯވަޑް ވިކްޓޯ އޮސީމެންގެ ބޯޅައަކުން ގޯލު ޖެހީ އެޓްލާންޓާގެ ފޯވަޑް، އަޑެމޯލާ ލުކްމަންއެވެ.

ކެމަރޫނުން ރޭގެ މެޗުގައި ގޯލު ބަލަހައްޓަންވެސް އަންދްރޭ އޮނާނާގެ ބަދަލުގައި ނެރުނީ ފަބްރީސް އޮންޑޯއާއެވެ. މެޗަށްވަނުމަށް ކެމަރޫނުން ބުރަކޮށް ފަހު ހާފުގައި މަސައްކަތް ކުރި ނަމަވެސް، އަނެއްކާވެސް ގޯލު ޖެހީ ނައިޖީރިއާއެވެ. އެ ގޯލުވެސް ފަހު މިނެޓުގައި ޖެހީ ލުކްމަންއެވެ. ލުކްމަންއަކީ ކުރިން އިންގްލެންޑް 21 އަހަރުން ދަށު ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ.

އެފްކޯންގެ ގަދަ 16 ގެ ދެމެޗު މިރޭވެސް އޮންނާނެއެވެ. ފުރަތަމަ މެޗުގައި އިކުއެޓޯރިއަލް ގީނީއިން ގީނީއާ ދެކޮޅަށް ނުކުންނަ އިރު، މިރޭގެ ފަހު މެޗުގައި މިސްރުން ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ.