ފަހުގެ ތާރީހެއްގައި ލިވަޕޫލްގެ ނަން، އިނގިރޭސި ފުޓުބޯޅަ ތާރީހުގައި، ޔޫރަޕްގެ ފުޓުބޯޅަ ތާރީހުގައި އަލުން ލިޔެލަދިނީ ޖަރުމަނުގެ ކޯޗު، ޔާގަން ކްލޮޕެވެ. 2015 ވަނަ އަހަރު އޮކްޓޯބަރު މަހު ލިވަޕޫލްގެ ކޯޗުގެ މަގާމާ ކްލޮޕް ހަވާލުވި އިރު، އެ ކްލަބު އޮތީ ހާލަތު ގޯސްކޮށެވެ. ތަށްޓެއްގެ އިންތިޒާރުގައެވެ. ލީގު ތަށްޓެއް ހޯދަން ކެތްމަދުވެފައެވެ. އެހިސާބުން ކްލޮޕް ބުނީ އެއް ވާހަކައަކީ ސަޕޯޓަރުންނަށް ކެތްތެރިވާން ބުނި ވާހަކައެކެވެ. އަދި ޓީމަށް ވާނެކަން ގަބޫލުކުރަން އެދި އެދުނު އަދުމެވެ.
އެހިސާބުން ފެށިގެން ގޮސް، ލިވަޕޫލާއި ކްލޮޕާ ހާއްސަ ލޯތްބެއް އުފެދުނެވެ. ސަޕޯޓަރުންނާއި ކްލަބާ އަލުން ގުޅުނެވެ. ފުޓުބޯޅައިގެ ޖޯޝާއި ފޯރި އެންފީލްޑަށް މަޑުމަޑުން ގެނެސް، ކާމިޔާބީ ޔަގީންކޮށްދިނެވެ. 30 އަހަރަށްފަހު ލީގު ތަށްޓެއް ހޯދައިދީ، ޗެމްޕިއަންސް ލީގު 2019 ވަނަ އަހަރު ހޯދިއެވެ. ކާމިޔާބީގެ ފަހަތުގައި ހުރީ ކްލޮޕެވެ.
"އަހަރެން މިދިޔަ ނޮވެމްބަރު މަހު ކްލަބަށް އަންގައިފިން. އަހަރެން މި ދައްކަން އުޅޭ ވާހަކަ ވަރަށް އުނދަގޫ. އެކަމަކު ނިންމުން ތަފްސީލު ކޮށްދެވޭތޯ ބަލާނަން. އަހަރެން މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނަން. މިއީ ޝޮކެއް، ސަޕްރައިޒެއް ކަން އެނގޭ،" ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލްގެ ކޯޗު ކްލޮޕް އިއްޔެ ބުންޏެވެ.
ކްލޮޕް އިއްޔެ އާންމުކުރި ވީޑިއޯ މެސެޖުގައި އޭނާ ބުނީ ލިވަޕޫލަށް އިންތިހާއަށް ލޯބިކުރާ ކަމަށެވެ. "ސަޕޯޓަރުންނާއި ސްޓާފުން، އަދި މި ކްލަބުގެ ހުރިހާ ކަމަކަށް އިންތިހާއަށް ލޯބި،" ކުރާ ކަމަށެވެ. އެހެން ނަމަވެސް ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި ނިންމުން ނިންމަން ޖެހޭކަން މާކުރިން އެނގޭ ކަމަށްވެސް ކްލޮޕް ބުންޏެވެ. އެ ވަގުތަކީ މިއީ ކަމަށާއި ލިވަޕޫލަށް ކޯޗުކޮށްދޭނެ ހަކަތަ މަޑުމަޑުން ދަށްވަމުންދާ ކަމަށްވެސް ކްލޮޕް ބުންޏެވެ.
ލިވަޕޫލާއެކު 2021-22 ވަނަ އަހަރުގެ އެފްއޭ ކަޕާއި ލީގު ކަޕްވެސް ހޯދި ކްލޮޕަކީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް، ލީގު ކަޕް އަދި ލީގާއި ކްލަބު ވޯލްޑް ކަޕް ހޯދި ހަމައެކަނި ކޯޗެވެ. އިއްޔެ ދިން އަސަރުގަދަ މެސެޖުގައި ކްލޮޕް ބުނީ އިނގިރޭސި އިތުރު ކްލަބަކަށް އޭނާ ކޯޗުކަން ނުކޮށްދޭނެ ކަމަށާއި އެހެން ކްލަބަކާ ހަވާލުވާނީވެސް ދުވަސްގަނޑަކަށް ފަހުގައި ކަމަށެވެ.
ކްލޮޕް ލިވަޕޫލް ދޫކޮށްލާނެކަން އިއުލާނުކުރުމާއެކު ސަޕޯޓަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ކްލަބަށް ކުރިން ކުޅުނު ކުޅުންތެރިން ކަމަށްވާ ޖޭމީ ކެރޭގާ އާއި މައިކަލް އޮވެން ފަދަ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް
ޔާގަން ކްލޮޕް