ރާއްޖޭގައި ގަވާއިދާހިލާފަށް ބިދޭސީން ކުރަމުންދާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ވިޔަފާރިތައް ކުރާ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކުގައި މިރޭ ބޭއްވި "އަހާ ފޯރަމް"ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބިދޭސީން ކުރުން މަނާ ވިޔަފާރިތަކެއް އެ މީހުން ކުރަމުންދާކަން މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށެވެ. އެކަން ހުއްޓުވުމަށް ފުލުހުންނާއެކު ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކަން ދެން ހުއްދަ ނެތި ބިދޭސީންކުރާ ވިޔަފާރިތަކާ އެއްވަރަށް އަޅުގަނޑުމެންގެ މަސައްކަތްތައް ފުޅާ ކުރުމަށްޓަކައި ފުލުހުންނާއެކު ކަންތައްތަކެއް މި ރޭވީ. އިރާދަކުރެއްވިއްޔާ ފުލުހުންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާ ގުޅިގެން މި މަސައްކަތް އެކަށީގެންވާ ނަތީޖާއެއް ނެރެވޭ ވަރަށް ކުރިއަށް ގެންދެވޭނެ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބިދޭސީން ގަވާއިދާ ހިލާފަށް ހިންގާ ގިނަ ވިޔަފާރިތަކަކީ ދިވެއްސެއްގެ ނަން މަތީގައި ރަޖިސްޓާކޮށްފައިވާ ވިޔަފާރިއަކަށްވުމުން، ދަތިތަކެއް ދިމާވާ ކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް މިވާގޮތަކީ ދިވެހި ކޮންމެވެސް ބޭފުޅެއްގެ ނަމުގައި ވިޔަފާރި މިއޮންނަނީ ރަޖިސްޓްރީ ކޮށްފައި، އެ ރަޖިސްޓްރީ ކުރާ ފަރާތުން މިހަދާ ގޮތަކީ ބިދޭސީއަކަށް އެތަން ހިންގަން މިދެނީ. ދިނީމަ އާންމު އުސޫލުން އިންސްޕެކްޝަނާ ވަރަށް ގިނަ ހާލަތްތަކުގައި ކޮންމެވެސް ގޮތަކުން ޖަސްޓިފައި އެބަކުރޭ މިއީ ދިވެހި ވިޔަފާރިއެއްކަން. ދިވެހި ވިޔަފާރިއަކުން ވަޒީފާ ދީފައި ހުންނަ މީހެއްކަން. ދެން މި ޖެހެނީ އަނެއްކާވެސް އެކަމާ ގުޅޭ އިދާރާއަކުން ނުވަތަ ތަނަކުން އޮޅުންފިލުވަން މިއީ ކިހިނެއްވާ ކަމެއްތޯ،" ސައީދު ވިދާޅުވިއެވެ.

ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ މައްސަލައާ އެއްވަރަކަށް އެފަދަ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްއާ ގުޅިގެން، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅެމުންދާ ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ބިދޭސީންގެ ދަފުތަރު އެކުލަވާލައި ނިމުމުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ލިބި، ގަވާއިދާ ހިލާފަށް ހިންގަމުންދާ ވިޔަފާރިތައް ދެނެގަނެވި ހުއްޓުވޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބިދޭސީންނަށް ކުދި ވިޔަފާރިތައް ހިންގުމުގެ ހުއްދަ ދޫނުކުރާނެ ކަމަށާއި އެހެންކަމުން، ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ނަތީޖާ ދިވެހި އިގުތިސޯދަށް ފެނިގެންދާނެ ކަމަށެވެ.

ސައީދު އެ މާނަކުރެއްވީ އެފަދަ ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހުއްޓުވުމުން، ދިވެހިންނަށް ވިޔަފާރިތައް ކުރުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.