ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ކުރެއްވި ހަރަދުގެ ތަފުސީލު ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނުގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޗައިނާއަށް ވަޑައިގެންނެވީ މި މަހުގެ ހަތަކުން 13 އަށެވެ. އެ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މިއަދު އާންމުކޮށްފައިވާ އެ ދަތުރުފުޅުގެ ހަރަދުގެ ތަފުސީލަށް ބަލާއިރު މުޅި ދަތުރަށް ހަރަދުވީ 2،428،113.93 ރުފިޔާއެވެ. އޭގެ ތެރެއިން ޓިކެޓަށް ހަރަދުވީ 2،020،482.60 ރުފިޔާއެވެ.

  • ބިޒްނަސް ކްލާސް: މާލެ/ސިންގަޕޫރު/ޒިއަމެން (3 ޓިކެޓް): 185،826.42ރ.
  • އިކޮނޮމީ ކްލާސް: މާލެ/ ސިންގަޕޫރު/ ޒިއަމެން (27 ޓިކެޓް): 676،552.50ރ.
  • ބިޒްނަސް ކްލާސް: ބެއިޖިން/ދުބާއީ/މާލެ (10 ޓިކެޓް): 904،383ރ.
  • އިކޮނޮމީ ކްލާސް: ބެއިޖިން/ދުބާއީ/މާލެ (19 ޓިކެޓް): 253،720.68ރ.
  • 30 ބޭފުޅުންގެ ޕޮކެޓްމަނީ: 300،495ރ.
  • ދިވެހިންނާ ބައްދަލުކުރެއްވުމުގެ އިވެންޓް ހަރަދު: 3،374.79ރ.
  • ސިމްކާޑާއި ވީޕީއެން ހަރަދު: 14،341.69ރ.
  • އިންސިޑެންޓަލް ހަރަދު: 89،419.85ރ.