ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

އެމްޓިސީސީން އިއްޔެ ބުނީ، އެ މަޝްރޫގެ 53 ޕަސަންޓު މަސައްކަތް ނިންމައި، އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިކަމަށެވެ.

އެ މަޝްރޫގެ ދަށުން، 954.43 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 114.56 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެވެ.

މީގެއިތުރުން އެ މަޝްރޫގެ ދަށުން 17,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 72,938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 8400 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 583 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 316 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 93 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ހަމަޖެހިފައިވެއެވެ.

މިލަންދޫ ބަނދަރުގެ އަމަލީ މަސައްކަތް ނިމޭއިރު 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި ދެ ބްރިޖެއް ހެދުމާއި 130 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުން ވެސް ހިމެނެއެވެ. އަދި އެކްސެސް ޕްލެޓްފޯމެއް ހެދުމާއި 3,863 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 34.61 މިލިއަން ރުފިޔާއަށެވެ.