ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ ދާދި ފަހުން އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ގެބްރިއެލް އަޓާލް އައްޔަން ކުރައްވައިފައެވެ. އަޓާލްއަކީ ފްރާންސްގެ ތާރީޚުގައިވެސް ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އެންމެ ޒުވާން ލީޑަރެވެ. އޭނާގެ އުމުރަކީ އެންމެ 34 އަހަރެވެ. ފްރާންސްގައި އޮންނަނީ ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު މަސްހުނިވެފައިވާ ޚާއްސަ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ބޮޑުވަޒީރަކީ ރައީސް އައްޔަންކުރައްވާ ބޭފުޅެކެވެ. އެކަމަކު ބޮޑުވަޒީރު ޖަވާބުދާރީ ކުރުވައި ޒިންމާދާރު ކުރުވާނީ ގާނޫނުހަދާ މަޖިލީހުންނެވެ. ބޮޑުވަޒީރު ކަމަށް އައްޔަން ކުރެވުމާ ހަމައަށް ގެބްރިއެލް އަޓާލް ހުންނެވީ އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމުގައެވެ. ރައީސް އެމަނުއެލް މެކްރޯން އޭނާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި އިލިޒަބެތު ބޯން މި ހަފުތާގެ ހޯމަދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އައު ބޮޑުވަޒީރަކު މަގާމާ ހަވާލުވެވަޑައިގެންނެވީ ސިޔާސީ ގޮތުން ފްރާންސް ވަރަށް ހަލަބޮލިވެފައިވާ ވަގުތެއްގައެވެ. ރައީސް މެކްރޯންގެ ރިޔާސީ ދައުރުގައި އަދިބާކީ ތިން އަހަރު އެބައޮތެވެ. މި ތިން އަހަރު އޮމާން އަމާންކޮށް ގެންދިއުމުގެ ޒިންމާޔާ ހަވާލު ކުރެވުނު އަޓާލްއަކީ އުމުރުގެ ޅަކަމާއެކު ސިޔާސީ ތަޖުރިބާވެސް މަދު ބޭފުޅެކެވެ. އެކަމަކު ވަރަށް މަގްބޫލު ބޭފުޅެކެވެ. ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ މަގްބޫލު ބޭފުޅަކީ އެއީކަމަށް ބުނެވެއެވެ. ކޮންމެއަކަސް އަޓާލްގެ ޒިންމާއަކީ ގައުމުގެ އެތެރޭގެ ކަންކަން ހަމަޔަކަށް އެޅުވުމާއި އެކި ވުޒާރާތަކުގެ މަސައްކަތް ބައްޓަންކުރުމާއި ވިލަރެސްކުރުމެވެ. ޚާއްސަކޮށް އިގްތިސާދީ ސިޔާސަތު ތަންފީޒު ކުރުމެވެ. މި މަސައްކަތުގައި އޭނާއަށް ހިންދެމިލެވޭނެ މިންވަރު އަދިއޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެކަންކަމަށް އޭނާ ލާއިގުތޯ ނުވަތަ ނޫންތޯ ދެނެގަތުމަށްޓަކައި މިވަގުތު އޮތީ އޭނާގެ ފަތިފުށަށް ބަލައިލުމެވެ.

އަޓާލްއަކީ ކްރިސްޓިއަނެކެވެ. އެއީ އޭނާގެ މަންމަގެ ދީންކަމަށް ވުމުންނެވެ. އެހެންނަމަވެސް އޭނާގެ ބައްޕަޔަކީ ޓިއުނީޝިޔާއަށް ނިސްބަތްވާ ޔަހޫދީއެކެވެ. އެގޮތުން އަޓާލްއަކީ ޔަހޫދީއެއްކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އޭނާ އެންމެ ފުރަތަމަ ފްރާންސްގެ ޕާލަމެންޓުގެ ގޮނޑިއަކަށް އިންތިޚާބު ކުރެވުނީ 2017 ވަނަ އަހަރުއެވެ. އޭގެފަހުން ސިޔާސީ މައިދާނުގައި އޭނާގެ ކުރިއެރުންތައް ވަރަށް އަވަހެވެ. ޚާއްސަގޮތެއްގައި ކޮވިޑުގެ ދުވަސްވަރު ސަރުކާރުގެ ތަރުޖަމާނުގެ ގޮތުގައި ކޮންމެ ދުވަހަކު މީޑިޔާގެ ކުރިމައްޗަށް ނުކުމެވަޑައިގަތުމަކީ އޭނާގެ މަޝްހޫރުކަން އުފުލިގެންދިޔަ އެއްސަބަބެވެ. އަޓާލްގެ އެންމެ ބޮޑު ހުނަރަކީ ބަސްމޮށުންތެރިކަމެވެ. ސަރުކާރުގެ ރަސްމީ ތަރުޖަމާނުކަމަށް އޭނާ އައްޔަންކުރެވުނީވެސް މި ހުނަރަށް ބަލައިފައެވެ. ގިނަ ގައުމުތަކުގައި އެދުވަސްވަރު ތަރުޖަމާނުންނަށް އައްޔަންކުރެވުނީ ކުޅަދާނަ ބަސްމޮށުންތެރިންނެވެ.

ސިވިލް ޔުނިއަން ނުވަތަ ސިވިލް ޕާޓްނަރޝިޕަކީ ކައިވެންޏަކަށް ވަންޏާ ގެބްރިއެލް އަޓާލް ވަނީ މިހާތަނަށް އެޒާތުގެ އެއް ކައިވެނި ކުރައްވައިފައެވެ. ސިވިލް ޕާރޓްނަރޝިޕަކީ އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ގައުމުތަކުގައި ދެ ފިރިހެނެއްގެ މެދުގައި ނުވަތަ ދެ އަންހެނެއްގެ މެދުގައި ޖަހައިލެވޭ ގާނޫނީ ގޮށެކެވެ. މިޒާތުގެ ގޮށެއް ގެބްރިއެލް އަޓާލް ޖެއްސެވީ ސްޓެފާން ސިޖޯނީއާ އެކުގައެވެ. މި ސިޖޯނީއަކީ ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންގެ ކުރީގެ މުޝީރެކެވެ. އަދި އެ ޕާޓީއަކަށް ގެބްރިއެލް އަޓާލް ނިސްބަތްވެވަޑައިގަންނަވާ ރިނައިސަންސް ޕާޓީގެ ޖެނެރަލް ސެކްރެޓަރީއެވެ. މި ގޮށުން ބަނދެވިގެން މި ދެބޭފުޅުން 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްމިދާ 2024 ފެށުމާ ހަމައަށް ތިއްބެވިއެވެ. މިއަހަރު ފެށުމާއެކުހެން ރަސްމީގޮތުން ގޮށް މޮހާލެވިފައިވާ ކަމަށް ބުނެވެއެވެ. އެހެންވީމާ ފްރާންސްގެ އައު ބޮޑުވަޒީރު ގެބްރިއެލް އަޓާލް މިވަގުތު އެހުންނެވީ ހުއްސަރިބައިވެފައެވެ.

ގެބްރިއެލް އަޓާލްއަކީ ފްރާންސްގެ އެންމެ ޒުވާން ބޮޑުވަޒީރު ކަމަށް ވުމުގެ އިތުރަށް އެއީ ފްރާންސްގެ ތާރީޚުގައިވެސް ފާޅުގައި އެއްޖިންސަށް ލޯބިކުރައްވާ ފުރަތަމަ ބޮޑުވަޒީރެވެ. ޒުވާނުންގެ ތެރޭގައި އެހާ މަގްބޫލު ބޭފުޅަކަށް ވުމުގެ ސަބަބަކީ މިގޮތުން މުޅިން ތަފާތު ބޭފުޅަކަށްވާތީ ކަމަށް ވެދާނެއެވެ. ކޮންމެއަކަސް ފްރާންސްގެ ބައެއް މީހުންގެ ނަޒަރުގައި އެއީ ނަމޫނާ ޒުވާނެކެވެ. ފްރާންސްގެ އެޑިއުކޭޝަން އެންޑް ޔޫތު މިނިސްޓަރަކަށް 20 ޖުލައި 2023 ގައި އޭނާ އައްޔަން ކުރެވުނީވެސް ނަމޫނާ ލިބިގަތުމަށް ކަމަށް ވެދާނެއެވެ. އެޑިއުކޭޝަން މިނިސްޓަރުކަމަށް ވަޑައިގެންފައި އަޓާލް އެންމެ ފުރަތަމައަށްވެސް ކުރެއްވި ކަމަކީ ޕަބްލިކް ސްކޫލްތަކުގައި މުސްލިމް އަންހެންކުދިން އަބާޔާލުން މަނާކުރެއްވުމެވެ. އަބާޔާއަކީ ކަނދުރާއިން ފެށިގެން ފައިތިލަޔާ ހަމައަށް އޮންނަ ދިގު ހެދުމެކެވެ. އޭނާގެ މި ނިންމެވުމަކީ ކަނާތުފިޔައިގެ ވަތަނީ މީހުން ނިކަން ގަޔާވި ކަމެކެވެ.

ފްރާންސްގެ ޕާލަމެންޓުގައި ރައީސް މެކްރޯނަށް އަޣުލަބިއްޔަތެއް ނެތެވެ. އެހެންވީމާ އޭނާ ބޭނުންފުޅުވާ ކޮންމެ ކަމަކަށް ޕާލަމެންޓުގެ ރުހުން ލިބޭނެ ގޮތެއް ނެތެވެ. ބޮޑުވަޒީރު ކަމުން އިލިޒަބެތު ބޯން މި ހަފުތާގައި އިސްތިއުފާ ދެއްވީވެސް ރައީސާއި ޕާލަމެންޓާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިންނެވެ. އައު ބޮޑުވަޒީރު އަޓާލްއަކީ ބަސްމޮށުންތެރިކަމަށް ކުޅަދާނަ ބޭފުޅަކަށްވިޔަސް ރައީސް މެކްރޯންގެ ލެޖިސްލޭޓިވް އެޖެންޑާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަކީ އޭނާއަށް ފަސޭހަވާނެ ކަމެއް ނޫނެވެ. އަޓާލްގެ ފުރަތަމަ އިމްތިހާނަކަށްވާނީ މިއަހަރުގެ ޖޫންމަހު ބާއްވާ ޔޫރަޕިއަން ޕާލަމެންޓުގެ އިންތިޚާބެވެ. މި އިންތިޚާބުގައި އައުދައުރެއް ހޯއްދެވުމަށް އަޓާލްގެ އަރިހުން މިހާރު "ވަރި" ވެފައިވާ ސްޓެފާން ސިޖޯނީވެސް ކޮންމެވެސް ގޮނޑިއަކަށް ވާދަކުރައްވާނެއެވެ.