އިންތިހާބީ ދާއިރާތަކުގެ އާބާދީގެ ނިސްބަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ ގޮތަށް މިހާރު އޮތް އޮތުން ބަދަލުކޮށް ރައްޔިތުންގެ މަޖިލީހުގެ އަދަދު ވަކި އަދަދަކަށް ލިމިޓު ކުރަން އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަަޅަން ނިންމައިފިއެވެ.

އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ޕީޖީ ލީޑަރު އަލީ އާޒިމެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ހަސަން ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގާނޫނުއަސާސީން ތަޅުލެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެހެންވީމަ އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައި ވާނެ ކަމެއް ގާނޫނުއަސާސީއަށް މި ދެންނެވި އިސްލާހު ގެނައުމަށް. އޭގެ މާނައަކީ ވަކި އަދަދެއްގައި މަޖިލިސް މެމްބަރުންގެ އަދަދު ހިފެހެއްޓިފައި އޮތުން." ހަސަން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން އެބަ ތިއްބެވިއެވެ. އެއީ ކޮންމެ މެމްބަރަކު 5,000 ރައްޔިތުން ތަމްސީލުކުރާ ގޮތަށެވެ. މިއަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވެ ޖުމުލަ 93 އަށް އަަރާނެއެވެ.

ޑިމޮކްރެޓްސްއިން މީގެ ކުރިންވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅިއެވެ. ނަމަވެސް އެ އިސްލާހު އޭރު ފާހެއް ނުވިއެވެ.