ހިލޭ އެހީގެ ދަށުން ތިން މިސްކިތެއް އިމާރާތްކުރުމަށް ތިން ކުންފުންޏަކާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފިއެވެ.
އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުންތަކުގެ ދަށުން އިމާރާތްކުރާނީ ހުޅުމާލޭގައި ދެ މިސްކިތަކާއި މާލޭގެ ޒިކުރާ މިސްކިތެވެ.
ހިލޭ އެހީގެ ދަށުން ތިން މިސްކިތް އިމާރާތް ކުރުމަށް އެދިފައިވާ ފަރާތްތަކަކީ ލީސާ މޯލްޑިވްސް ޕްރިވެޓް ލިމިޓެޑް، އެސްޖޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އަލީމް ފައުންޑޭޝަން ޕްރިވެޓް ލިމިޓަޑުންނެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ތިން އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިސްކިތް ބިނާކުރުމަށް އަމިއްލައަށް ހަރަދުކުރުމަކީ ވަރަށް މާތް ކަމެއްކަން ފާހަގަކުރައްވައި، އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ދުނިޔޭގައި ދިރިހުންނަ އިރު ނެތިދިއުމުގެ ކުރިން ދޫކުރެވޭ ކަންކަމުގެ ތެރޭގައި ވަގުފް ކުރެވޭ ކަންކަން ހިނެމޭ ކަމަށެވެ.
"އޭގެ މާނަޔަކީ މާތްﷲ ގެ މަގުގައި ކުރެވޭ ކަންތައް. މީހަކަށް ދަރުމައާއި ސަވާބާ އެދިގެން ކުރާ ކަންތައްތައް. ރަސޫލާގެ ހަދީސް ބަސްފުޅެއްގެ މާނައިގައިވޭ، އިންސާނާ މަރުވެދިއުމަށްފަހު ހުރިހާ ކަމެއް ވަކިވެގެން ދިޔައީއޭ މިއިން ކަމެއް މެނުވީ. އޭގެތެރޭގައި ފުރަތަކަމަކީ ދެމިހުރި ސަދަގާތެއް (ދެމިހުރި ހެޔޮކަމެއް ދުނިޔެއަށް ދޫކޮށްފައި ދިއުން) ނުވަތަ އެމީހަކަށްޓަކައި ދުނިޔޭގައި ގާއިމުވެގެންދިއުން. ދެވަނަކަމަކީ އެ މީހަކު ދުނިޔެއަށް ދޫކުރާ އިލްމެއް، ފައިދާ ކުރާނެ އިލްމެއް. ތިންވަނަ ކަމަކީ އެމީހަކަށްޓަކައި ހެޔޮދު އާކޮށްދޭނެ ސާލިހު ދަރިއެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ތިން ކަންތަކަކީ އިންސާނާ ދުނިޔޭގައި ނެތް ނަމަވެސް ދުނިޔެމަތީގައި ސަވާބާއި ދަރުމަ އަބަދުވެސް ލިބިލިބި ހުންނަ ކަންތައްތައް ކަމަށާއި އޭގެ ތެރޭގައިވެސް އެންމެ މާތް އެއްކަމަކީ މިސްކިތް ބިނާކުރުން ކަމަށެވެ. އަދި މާތްﷲ އަށްޓަކައި ދުނިޔޭގައި މިސްކިތެއް ބިނާކުރި މީހަކަށް މާތްﷲ އެ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރައްވާނެކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ވެސް ޝަހީމް ވަނީ ތަނަވަސްކަން ހުރި މިންވަރަކުން އެފަދަ ކަންކަން ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. މިސްކިތްތަކުގެ އިތުރުން އިސްލާމްދީން ކުރިއެރުވުމަށް އެހެން މަސައްކަތްތަކުން ހެޔޮ ކަންކަން ކުރެވިދާނެކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަދު މަސައްކަތްތައް ހަވާލުކުރި މިސްކިތްތަކުގެ ތެރެއިން ޒިކުރާ މިސްކިތް އިމާރާތްކުރަން މީގެ ކުރިން ވެސް އެސްޖޭ ކުންފުންޏާ ހަވާލުކުރިއެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭއާ ހަވާލުކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާއެވެ. ޢޭގެފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އެއްބަސްވުން ބާތިލުކުރިއެވެ.
ނަމަވެސް ފަހުން ދެ ފަރާތުން ކޯޓުން ބޭރުގައި މަޝްވަރާކޮށް މައްސަލަ ހައްލުކުރިއެވެ. އަދި ޒިކުރާ މިސްކިތް ހުރި ބިމުގައި 500 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އެސްޖޭ އިން އަޅައިދިނެވެ.
ޒިކުރާ މިސްކިތް ހުރި ސަރަހައްދަކީ ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދުގައި އުޅޭ ތަނެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތްކުރުމުން ވެގެންދާނީ ގިނަ ބަޔަކަށް ނަމާދުކުރުމަށް ފަސޭހަވެގެންދާނެ ކަމަކަށް ކަމަށެވެ.
"މާލޭގެ އޭރިޔާއަށް ބެލި ނަމަވެސް، ޒިކުރާ މިސްކިތް ހުރި ތަނުގައި ވަގުތީ މިސްކިތެއް އެ ސަރަހައްދުގައި އެޅުން އެއީ އެކަށީގެންވާ ކަމެއް ނޫން. އުންމީދަކީ އެތަން ތިން ބުރިއަށް ހެދި، ގިނަވެގެން ދެ އަހަރެއްހާ ދުވަސްތެރޭ މި މަޝްރޫއު ހަގީގަތަކަށް ވެގެން ދިއުން. އެސްޖޭ ކުންފުނި ކަހަލަ ވަރުގަދަ ކުންފުންޏަކުން އެ މަސައްކަތް ނިންމަން ގިނަ ދުވަހެއް ނުނަގާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ޒިކުރާ މިސްކިތް ތިން ބުރިއަށް އިމާރާތްކުރުމުގެ މަސައްކަތް އެސްޖޭއާ ހަވާލުކުރީ އެ ކުންފުނީގެ ހަރަދުގައި އެ މަސައްކަތްކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު