ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލީ،

އޭނާ އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް ހަދައި، އޭގެ ތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވައި، ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި ކަމަށް ބުނެއެވެ.

އެ މައްސަލަ ޑރ. ޒިޔާދުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހުއެވެ. އެ ހުކުމް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޝަރީއަތް ފެށި އެވެ.

ހައި ކޯޓުގައި ޝަރީއަތް ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ މައްސަލަ އަލުން ރިވިއުކޮށް، އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދަން ނިންމައި އެކަން އިއްޔެ ހައިކޯޓަށް އަންގައިފައެވެ. އެއާއެކު އެ ކޯޓުން ވަނީ އެ މައްސަލަ ފައިލް ކޮށްފައެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ އިސްތިއުނާފު އަނބުރާ ގެންދިޔައީ، އެ އިސްތިއުނާފު ކާމިޔާބުވި ނަމަވެސް ހުކުމް ކުރާނީ އަލުން އެ މައްސަލަ ދަށު ކޯޓުން ބެލުމަށް ކަމަށް ވެފައި، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުން ދަށު ކޯޓުން ދައުލަތަށް އެ މައްސަލަ ކާމިޔާބު ނުކުރެވޭނެތީ ކަމަށެވެ.