ކުރިއަށް އޮތް ހަ މަސް ތެރޭ، ރައްޖޭގެ ނުވަ ސަރަހައްދެއްގައި އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު މުއްތަލިބު ރޭ ވިދާޅުވީ، މަސްވެރިން ވިއްކާ މަސް، މަސް ގަންނަ ފަރާތްތަކާ ހަމަޔަށް ފޯރުކޮށްދިނުމަށް ސަރުކާރުންވެސް އަދި މަސްވެރީންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. މިވަގުތުވެސް ރާއްޖޭގެ 9 ސަރަހެއްދެއްގައި އައިސް ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންގޮސް ކުރިއަށް އޮތް 6 މަސް ތެރޭ، އައިސް ޕަލާންޓްތައް ނިންމުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ހަމައެއާއިއެކު ރަނގަޅު ކޮލިޓީގެ މަހަކީ ސަރުކާރުން ވަރަށް އިސްކަންދޭ އެއްޗެއްގެ ގޮތުގައި ފާހަގަކޮށް ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން ބަލަނީ ރާއްޖޭގައި ހުރި ދޯނިތަކުގައި އާރުއެސްޑަބްލިޔު، ފެންގަނޑު ފިނިކޮށްގެން މަސް ތާޒާކަންމަތީ ބެެހެއްޓުމަށް ޓަކައި ބޭނުންކުރާ ނިޒާމުތައް އިތުރަށް ރަނގަޅުކުރުމަށް ކަމަށެވެ. އެކަމަށް ބޭނުންވާ ފަރާތްތަކަށް 200 ފުރުސަތު އޮތް ކަމަށެވެ.

އެ ސިސްޓަމްތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާގެ އެހީ ބޭންކް މެދުވެރިކޮށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ. ހަފުތާ 14ގައި ތައާރުފުކޮށްފައި އޮތް ޕްރޮޑަކްޓް ތަކުގެ ތެރޭގައި ހިމެނޭ ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ކުދި އައިސް ޕްލަންޓްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ފަރުމަސްވެރިކަމުގެ އިންޑަސްޓްރީއަށް އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް ކުދި ލުއި ލޯނު ދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޓަކައި ވެސް މަސައްކަތްތަކެއް ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރީންނަށް އަސްލު އަގު ލިބޭނީ ވިއްކާ މަހުގެ ކޮލިޓީ ރަނގަޅުކޮށްގެން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެކަން ރަނގަޅު ކުރުމަށް، މަސްވެރިންނާއި ސަރުކާރާއި ސަރުކާރުގެ އިދާރާތަކާއި އަދި މަސްގަންނަ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހަމައެކަނި އާރުއެސްޑަބްލިއު ސިސްޓަމެއް އެޅުމަކުން އަޅުގަނޑުމެންނަށް ކޮލިޓީމަސް ނުލިބޭނެ. މިސާލަކަށް 30 ޓަނު މަސްއެޅޭ ދޯންޏަކަށް އެދުވަހު 40 ޓަނު މަސްއަޅައިގެން އައުމުން އެ މަހުގެ ކޮލިޓިއެއް ނުހުންނާނެ. އާރުއެސް ސިސްޓަމް ނުވަތަ އައިސް އެޅިޔަސް، ނުހުންނާނެ" ކަށެވެ.

ކަންމިހެން ހުރުމުންނާއިއެކު މަސްވެރިންގެ ހޭލުންތެރިކަން އިތުރުކުރުވަން މަސްގަންނަ ފަރާތްތަކުންވެސް އެކަން ބެލުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށާއި ޓެކްނޮލޮޖީގެ އެހީގައި މިހާރު މަހުގެ ކޮލިޓީ ވަގުތުން ބަލައިލެވޭނެ އިންތިޒާމުތައްވެސް ހުރިކަމަށް ވިދާޅުވިއެވެ.

އައިސް ޕްލާންޓްތައް އެޅުމަށް ކަނޑައަޅާފައި ވަނީ ނެޓްވޯކެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކުން ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ވިދާޅުވިއެވެ.

"މަސްވެރިކަމުގެ ފަހި ސަރަހައްދެއް ކަމަށް އެންމެންވެސް ކަނޑައަޅަނީ ހުވަދު އަތޮޅު. އައްޑޫ، ލާމު އަތޮޅު. އެ ސަރަހައްދުތަކުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުންނަ އައިސްޕްލާންޓަށް ވުރެ ގިނަވާނެ. އެކަމަކު ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބަކީކޮށް އައިސް ޕްލާންޓް ބެހެއްޓުމުގެ ވިސްނުމެއް ނެތް" ކަމަށެވެ.