ގަތަރުގައި ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގައި ރޭ ފަލަސްތީނުން ކުޅުނު މެޗުގައި ހޮން ކޮން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެއީ އޭޝިއަން ކަޕްގެ ތާރީހުގައި ފަލަސްތީނުން ހޯދި ފުރަތަމަ މޮޅެވެ. އެ މޮޅާއެކު ގްރޫޕް ބީގެ ތިންވަނައަށް ގޮސް، ފަލަސްތީން ވަނީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ. އެ ގްރޫޕްގެ އެއްވަނަ އިރާނުން ހޯދި އިރު، ދެވަނަ ހޯދީ ޔޫއޭއީ އެވެ.

ރޭގެ މެޗަށް ނުކުތް އިރުވެސް، މެޗަށް އޮތް ޕްރެޝަރު އެނގެއެވެ. ފަލަސްތީނުގައި އެތަކެއް މުސްލިން އަހުންނާއި އުހުތުންނެއް މަރާ ހަނގުރާމަ ކުރަމުން ދެއެވެ. އެތައް ކުދީންނެއް ޝަހީދުވަމުން ދެއެވެ. އިސްރާއީލުގެ އަނިޔާވެރިކަމުން އެތައް މުސްލިމުންނެއް މުޅި ދުނިޔޭގެ ކުރިމަތީގައި، ޝަހީދުކުރަމުން، ހިންގަމުން ދަނީ ގަތުލްއާންމެކެވެ. އެއީ ފަލަސްތީނުގެ ޓީމަށް އޮތް ޕްރެޝަރެކެވެ.

ކުޅުންތެރިންގެ ދިރިއުޅުން، ކޯޗިން ޓީމުގެ ދިރިއުޅުން ފަލަސްތީނުގައި ވަޒަންވެރިވެފައި ނެތް ނަމަވެސް، އެ ގައުމަށް ޓީމުގެ ލޯބި އަބަދުވެސް އޮވެއެވެ. ގައުމީ ޓީމުގެ އެތައް ކުޅުންތެރިންނެއްގެ އާއިލީ މެންބަރުން އިސްރާއީލްގެ ލާއިންސާނިއްޔަތުކަމުގައި ޝަހީދުވެ ހިނގައްޖެއެވެ. އެ އަސަރު މެޗުގެ ކުރިންވެސް ފެނިގެން ދިޔައެވެ.

މެޗުގެ ކުރިން ގެނައި ހަމަހިމޭންކަމުގެ ސުކޫތާއެކު މުޅި ދަނޑު ގުގުމާލީ "ފްރީ ފަލަސްތީން"ގެ އަޑުންނެވެ. ގަތަރުގެ އަބްދުﷲ ބިން ހަލީފާ ސްޓޭޑިއަމް އެކުގައި ސަޕޯޓުކުރީވެސް ފަލަސްތީނަށެވެ. 6568 މީހުން ވަދެ ތިބެ ހިތްވަރު ދިނީ ފަލަސްތީނަށެވެ. ގަތަރުގައި މިހާތަނަށް ފަލަސްތީނު ކުޅުނު ކޮންމެ މެޗެއްގައި އެ ހަމްދަރުދީ، އެ ލޯބި ސަޕޯޓަރުންގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ.

ރޭގެ މެޗުގައި ފަލަސްތީނުގެ ހީރޯއަކީ ދެ ގޯލު ޖެހޯ އުދައި ދައްބާގެވެ. ފަލަސްތީނުން މެޗުގައި ޖެހި އަނެއް ގޯލު އެޓީމަށް ޖަހައިދިނީ ޒެއިސް ގުންބާރެވެ. މެޗުން މޮޅުވުމާއެކު ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް އަރައި ބައްދައި، އުފާފާޅުކުރީ ފަލަސްތީނުގެ ދިދަތަކާއެކުގައެވެ. ކަރުނައިގެ އުފާފާޅުކުރުމެކެވެ.

މެޗަށްފަހު ކެޕްޓަން މުސާބް އަލް-ބަތާތު ބުނީ "މި ފުރިހަމަ ކޮށްދިނީ ގައުމު ރައްޔިތުންނަށް ވި ވައުދެއް،" ކަމަށެވެ. އޭނާ އިތުރަށް ބުނީ ގައުމުގައި، އަދި ގައުމުން ބޭރުގައި ތިބެ ޓީމު ކުޅޭ މެޗު ބަލައިލަން ލިބުނު ކޮންމެ ރައްޔިތަކަށް ހިނިތުންވުމެއް ގެނެސްދެވުނު ކަމަށް އުންމީދުކުރާ ކަމަށާއި، އެންމެ ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.