ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތަށް އާމްދަނީ އިތުރުވާނެ އެއްވެސް މަޝްރޫއެއް އިއުލާނު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވުމުން، ޔާމީންގެ ސަރުކާރު އަދި މި ސަރުކާރުގެ ވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.
ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފަރާތުން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވެފައިވަނީ މި ސަރުކާރުން އިއުލާނު ކުރަމުންދާ މަޝްރޫއުތަކަކީ ރައްޔިތުންގެ ހެވާއި ލާބައަށް އިއުލާނުކުރަމުންދާ މަޝްރޫއުތަކެއް ކަމަށާއި އެކަމާ ޝައްކު ނުކުރައްވާ ކަމަށެވެ.
"އެހެންނަމަވެސް ހައްތަހާވެސް މި ފެންނަނީ ހަރަދު ހަރަދު ހަރަދު. އެހެން ނަމަވެސް އަޅުގަނޑުމެންގެ އެންމެ ގާތް ގައުމެއްގެ ގޮތުގައި މި އޮންނަނީ އުތުރުކަރަ، އިންޑިއާ. އިންޑިއާއިން އެކަނި އޮތް ރާއްޖޭގެ ދަރަނި، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދަރަނި މިއޮތީ 3000 މިލިއަން އެމެރިކާ ޑޮލަރާ ކައިރިކުރާ އަދަދެއް،" ޔާމީން ވިދާޅުވެފައިވެއެވެ.
ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމަށެވެ. އަދި މާލީ ޒިންމާއިން ރެކުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
"ދައުލަތާ މީގެ ކުރީން ހަވާލުވި ވެރީން، އެ ބޭފުޅުންގެ ސަރުކާރުގެ ފުރަތަމަ ދެ މަސްދުވަހު، ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ކުރެއްވި އީޖާދީ މަސައްކަތަކީ ކޮބައިތޯ؟ މި ސަރުކާރަކުން ދައުލަތުގެ ހަރުމުދާ ވިއްކުމާއި ގާނޫނު ތަޅު އަޅުވާފައި ފައިސާ ޗާޕުކުރުމާއި މާލީ ޒިންމާއިން ރެކުމަކީ ކުރާނެ ކަމެއް ނޫން،" ސައީދު ވިދާޅުވިއެވެ.
ޔާމީން ވަނީ ރޭގެ ޖަލްސާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޔާމީން ވިދާޅުވެފައިވަނީ މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނުވަތަ މި ސަރުކާރުގެ އެހެންވެސް މަސްއޫލުވެރިޔަކު، އިގުތިސޯދީ އާމްދަނީ ހޯދާނެ މަޝްރޫއުތައް ފަށާނެ ވާހަކަތައް ނުދައްކަވާ ކަމަށާއި އެކަމުގެ ޕްލޭނެއް އޮތް ވާހަކަ ދައްކަވަމުން ނުގެންދަވާ ކަމަށެވެ.
"ފެށުނީއްސުރެ މިހާތަނަށް މިއޮތީ ބޮޑެތި ފިޒްކަލް ޑެފިސިޓްތަކެއް އެކިއުމިލޭޓްވަމުން އައިސް އޮތް އަހަރުތަކެއްގެ ބަޖެޓުތަކެއް. ބޭރުގެ ދަރަނި އޮތް ހާލަތު އަޅުގަނޑު މި ދަންނަވާލީ. އެހެންވީމާ އަޅުގަނޑުމެންނަށް ސަސްޓެއިން ކުރެވޭނެހޭ މިހެން ހަރަދު ކުރަމުން ކުރަމުން މިދަނީ އަދިވެސް. އެކަމަކު އާމްދަނީ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ނުފެނޭ،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ޔާމީން ވަނީ މިދިޔަ ސަރުކާރުން ނެރުނު "އިންޑިއާ އައުޓް" ގަރާރު، މި ސަރުކާރުން ބާތިލު ނުކުރާތީ ވެސް ފާޑު ވިދާޅުވެފައެވެ. އެ ގަރާރު ބާތިލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ފަރާތްތައް މިއަދު ވެރިކަމުގައި ތިއްބެވި ނަމަވެސް އެކަން އަދިވެސް ކުރައްވާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޔާމީން ވިދާޅުވެފައިވަނީ އެ ގަރާރު ބާތިލު ނުކުރާނަމަ އެމަނިކުފާނުގެ ގެކޮޅުގައި އިންޑިއާ އައުޓް ބެނާ ނުދެމޭނެ ކަމަށާއި އަދި މަގުތަކަށް އެއްވެ، އިންޑިއާ އައުޓް މުޒާހަރާތައްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު