އައިވަރީ ކޯސްޓުގައި ކުރިއަށްދާ އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ގްރޫޕް އޭގައި އިކުއަޓޯރިއަލް ގީނީ އަތުން ބޮޑު ބައްޔެއްވެ، ހޯސްޓް ގައުމު ކެޓުމާ ގާތަށް ޖެހިއްޖެއެވެ.
މުބާރާތުގެ ގްރޫޕް އޭ އަދި ބީގެ ކުޅުން ރޭ ނިމިފައިވާއިރު، އައިވަރީ ކޯސްޓް ގްރޫޕްގެ ތިންވަނައަށް ދިޔައީ ރޭ އިކުއެޓޯރިއަލް ގީނީ އަތުން 4-0 އިން ބަލިވުމުންނެވެ. އެޓީމު ތިންވަނައިގައި ނިންމާލަން ޖެހުމުން ގަދަ 16 އަށް ދެން އޮތް ހަމައެކަނި އުންމީދަކީ އެހެން ގްރޫޕް ތަކުގެ ތިންވަނަ ޓީމުތަކުގެ ނަތީޖާއެވެ. އެހެންކަމުން މިހާރު އައިވަރީ ކޯސްޓް އޮތީ އަމިއްލަ ބާރު ގެއްލިފައެވެ.
ރޭގެ މެޗުގައި އިކުއަޓޯރިއަލް ގީނީގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު އެޓީމަށް ޖަހައިދިނީ އެމިލިއއޯ ސޫއޭއެވެ. އޭގެ އިތުރުން ޕަބްލޯ ގަނެޓްގެ ހިލޭ ޖެހުމެއްވެސް އެޓީމުން ކާމިޔާބު ކުރި އިރު، އިކުއަޓޯރިއަލް ގީނީގެ ހަތަރު ވަނަ ގޯލަކީ ޔަނިކް ބުއިލާ ދުރުން ޖެހި ހިތްގައިމު ގޯލެކެވެ.
ގްރޫޕް އޭގެ އެއްވަނަ އިކުއަޓޯރިއަލް ގީނީ ހޯދި އިރު، އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ ނައިޖީރިއާއެވެ. އެއީ ރޭ ގީނީ-ބިސާއު ކައިރިން 1-0 އިން މޮޅުވެގެންނެވެ. ނައިޖީރިއާގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ 36 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އޮޕާ ސަންގަންޓޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގްރޫޕް ބީގެ ކުޅުންވެސް ފޯރިގަދަކޮށް ނިމިގެން ދިޔަ އިރު، ގްރޫޕްގެ ފަހު ދެމެޗުވެސް ވީ 2-2 އިން އެއްވަރެވެ. އެއީ ގްރޫޕްގެ އެއްވަނަ ހޯދި ކޭޕް ވާޑޭއާއި މިސްރު، ގާނާއާއި މޮޒެމްބީގު ވާދަކުރި މެޗުތަކެވެ. ކޭޕް ވާޑޭ ތިން މެޗުން ހަތް ޕޮއިންޓް ހޯދި އިރު، ދެވަނައިގައި ނިންމާލި މިސްރަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ގާނާ ތިންވަނައިގައި އޮތީ ތިން މެޗުން ދެ ޕޮއިންޓާއެކުގައެވެ.
ރޭ މިސްރުން މުހައްމަދު ސަލާހާ ނުލައި ނުކުތް މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ ޓްރެޒެގޭއާއި މުސްތަފާ މުހައްމަދެވެ. ކޭޕް ވާޑޭގެ ގޯލުތައް ޖެހީ ބްރައިން ޓެކްޒޭރާއާއި ގިލްސަން ޓަވަރޭޒްއެވެ.
ގާނާއިން މޮޒެމްބީގާ ދެކޮޅަށް ކުޅުނު މެޗުގައި ގާނާގެ ގޯލުތައް ޖެހީ ޖޯޑަން އަޔޫއެވެ. މޮޒެމްބީގުގެ ގޯލުތައް ޖެހީ ފަހު މިނެޓު ކޮޅުގައެވެ. އެއީ 91 އަދި 95 ވަނަ މިނެޓުގައެވެ. އެ ގޯލުތައް ޖެހީ ޖެނީ ކަޓަމޯއާއި ރެއިނިލްޑޯއެވެ. މިސްރަށް ގަދަ 16 ޔަގީންވީ އެ ދެ ގޯލުގެ ސަބަބުންނެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން