ފުވައްމުލަކު ސިޓީގެ ކަރަންޓު މައްސަލައަށް ހައްލެއް ގެނައުމަށް ރާއްޖެއިން ބޭރުން ޖަނަރޭޓަރެއް ގެނެވެންދެން އެހެން ރަށެއްގައި ހުރި ޖަނަރޭޓަރެއް އެ ސިޓީއަށް ގެންދަން މަސައްކަތްކުރާ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަތް ޖަނަރޭޓަރު ސެޓު ބޭނުންކުރާ ކަމަށާއި، އެ ސިޓީގެ ކަރަންޓު އެންމެ މަތީ ލޯޑުގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 4850 ކިލޯވޮޓު ކަމަށެވެ. އަދި އެވަރެޖު ގޮތެއްގައި އެންމެ މަތީ ލޯޑަކީ 4050 ކިލޯވޮޓު ކަމަށް ބުންނެވެ.
- 800 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު ސެޓު
- 1200 ކިލޯވޮޓުގެ ތިން ޖަނަރޭޓަރު ސެޓު
- 600 ކިލޯވޮޓުގެ އެއް ޖަނަރޭޓަރު ސެޓު
- 1000 ކިލޯވޮޓުގެ އެއް ޖަނަރޭޓަރު ސެޓު
ފެނަކައިން ބުނީ މިދިޔަ ޑިސެމްބަރު މަހު ގެއްލުން ލިބުނީ އެ ރަށުގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރަށް މައްސަލަތަކެއް ޖެހި، މައިގަނޑު ބައިތަކެއް ހަލާކުވެފައިވާ ކަމަށެވެ. އެހެންކަމުން ކަރަންޓު އުފެއްދޭ މިންވަރު 4000 އަށް ވެއްޓުނު ކަމަށް ބުންޏެވެ.
ވިއްސާރަ ދުވަސްވަރެއް ކަމުން ކަރަންޓު ބޭނުންކުރާ މިންވަރު ދަށްވުމުން ކަރަންޓު ކަނޑަން ނުޖެހި ހިދުމަތް ދެވުނު ނަމަވެސް، މޫސުން ރަނގަޅުވުމުން ކަރަންޓު ކަނޑަން ޖެހޭނެ ކަމަށް ލަފާކުރެވޭތީ، އެހެން ރަށެއްގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެންނަން މަސައްކަތް ކުރި ކަމަށް ފެނަކައިން ބުންޏެވެ. އެއީ އަދި އެ ރަށުގައި އިންސްޓޯލް ނުކޮށް ހުރި ޖަނަރޭޓަރު ސެޓެއް ކަމަށާއި، މި މަހުގެ ދެވަނަ ދުވަހު އެ ޖެންސެޓު ފުވައްމުލަކަށް ގެންދިއުމަށް އުޅަނދުވެސް ފޮނުވި ކަމަށް ބުންޏެވެ. ނަމަވެސް އެހެން ރަށެއްގައި ހުރި ޖެންސެޓެއް ގެނައުމުން މަސްލަހަތު ގެއްލިދާނެ ކަމަށް އެކި ފަރާތްތަކުން އެ ކުންފުންޏަށް ޝަކުވާ ހުށަހެޅުމުން އެ މަސައްކަތް ހުއްޓާލި ކަމަށް ބުންޏެވެ.
ފެނަކައިން ބުނީ މޫސުން ރަނގަޅުވުމާއި ސްކޫލުތައް ހުޅުވުމުގެ ސަބަބުން ލޯޑު ބޮޑުވެ، މި މަހުގެ 11 އިން ފެށިގެން ޝެޑިއުލްކޮށް އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންދާ ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް 800 ކިލޯވޮޓުގެ ޖެންސެޓެއް ގަތުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް ބޭނުންވާ ސައިޒުގެ ޖެންސެޓެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށް ފެނަކައިން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ މައްސަލައަށް އެންމެ އަވަސް ހައްލެއް ގެނެވެން އޮތީ އެހެން ރަށެއްގައި އިންސްޓޯލް ނުކޮށް ހުރި ޖެންސެޓެއް ފުވައްމުލަކަށް ގެންގޮސްގެން ކަމަށާއި އެހެންކަމުން އެ ޖެންސެޓު ގެންދެވޭތޯ އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ. އަދި ހަލާކުވި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ހެދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި ކުރިއަށް އޮތް ރޯދަ މަހަށް އިތުރަށް ލޯޑު ބޮޑޫވާނެ ކަމަށް ލަފާކުރެވޭތީ ދުރާލާ ތައްޔާރުވުމުގެ ގޮތުން 1200 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
އެ ބަޔާނުގައި ފެނަކައިން އިތުރަށް ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ޖެންސެޓުތައް މެއިންޓެއިން ކުރުމަށް އަހައްމިއްޔަތުކަމެއް ދެވިފައި ނުވާތީ ގިނަ ޖަނަރޭޓަރުތަކުގެ ހާލަތު ދަށްވެފައިވާ ކަމަށާއި ފުވައްމުލަކުން ހަލާކުވި ޖަނަރޭޓަރު ހިންގާތާ 30،000 ގަޑިއިރު ހަމަވި އިރުވެސް މޭޖާ އޯވާހޯލް ކޮށްފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު