ސިނަމާލެ ފުލެޓުތަކުގެ ހުރިހާ އެޕާޓުމެންޓުތަކަށް ބޭނުންވާ ވަރުގެ އާ އިމާރާތެއް ހެދުމުގެ މަސައްކަތް އެޕްރީލް މަހު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ މޭޔަރުގެ މަގާމުގައި ހުރެ ސިނާމާލެ ސަރަހައްދުގައި ގެދޮރު ހެދުމަށް ފަށަން ނިންމި މަޝްރޫއު އޭރުގެ ސަރުކާރުން ހުއްޓުވި ކަމަށެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން، އެ މަޝްރޫއު ކުރިއަށް ދެވޭނެ ގޮތްތަކެއް ހަމަޖައްސަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެޕްރީލް މަސް ހިސާބުގައި އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަހައްދުގައި، މިހާރު އެތާ އެ ހުރި ފަސް އިމާރަތް ސިނަމާލެ 1،2،3 މާލެ ހިޔާ 1،2. މި ފަސް އިމާރާތުގެ ހުރިހާ ފުލެޓުތަކަށް ބޭނުންވާ ވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާ އިމާރާތުގެ މަސައްކަތް ނިމުމުން، އެ ފަސް އިމާރާތުގައި ދިރިއުޅެމުންދާ މިހުން އެތަނަށް ބަދަލުކުރާނެ ކަމަށެވެ. އަލަށް ހަދާ އިމާރާތުގައި ސިނަމާލެ ފުލެޓުތަކަށްވުރެ ޖާގަ ބޮޑު ޒަމާނީ ފުލެޓުތަކެއް ހުންނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަލަށް ހަދާ އިމާރަތަށް މީހުން ބަދަލުކުރުމަށްފަހު، ސިނަމާލެ އަދި މާލޭ ހިޔާގެ ފުލެޓުތައް ތަޅާލައި އާ އިމާރަތްތަކެއް ހަދާނެ ކަމަށެވެ. އެ މަޝްރޫއު ސަރުކާރުން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުން ވަނީ ކައުންސިލުން ވިލިމާލޭގައި ހަދަން ނިންމި 500 ހައުސިން ޔުނިޓުގެ މަސައްކަތަށް ވެސް ހުއްދަ ނުދީ ހިފަހައްޓާފައި ކަމަށާއި ނަމަވެސް މިހާރު އެ މަޝްރޫއުގެ މަސައްކަތް އެޕްރީލް މަހު ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު