މިއަންނަ އެޕްރީލް މަހުގެ ތެރޭ މާލޭގެ ހަ ސަރަހަދެއްގައި ޕާކިން ބިލްޑިންތައް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރަން ހަ ސަރަހެއްގައި ޕާކިން ބިލްޑިންތައް ހެދުމަށް މޭޔަރުގެ މަގާމުގައި އެ މަނިކުފާނު ހުންނެވިއިރު މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެއިރުގެ ސަރުކާރުން ޕާކިން ބިލްޑިންތައް ހެދުމަށް ބިން ހަމަޖައްސައިނުދިން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެ މަނިކުފާނުގެ ސަރުކާރުން މިހާރު ވަނީ ޕާކިން ބިލްޑިން ހެދުމުގެ ކަންކަން ހަމަޖައްސާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މާލަސްތަކެއްނުވެ އަޅުގަނޑުމެން އުއްމީދުކުރަނީ އެޕްރީލް މަސް ހިސާބުގަ އަމަލީ ގޮތުން ޕިޒިކަލީ މި އިމާރާތްތައް އަޅަން މާލޭގެ ފެށޭނެ. އެ ހިސާބަށް މިވަނީ ގޮސްފަ" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕާކިން ބިލްޑިން ހެދުމުގެ މަޝްރޫއުގެ ކަންކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން ޕާކިންގެ މައްސަލަ ހައްލުކުރާނީ ސިޓީ ކައުންސިލާ ގުޅިގެން ކަމަށެވެ.

މި ފަސް އަހަރުގެ ތެރޭގައި މާލެގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކާއި ޕާކިން މައްސަލަތައް ހައްލުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.