ބިން ނުހިއްކައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެވެން ނެތް ކަމަށާއި އެކަމަށް ހައްލު ގެނެސްދެއްވާނީ މި ސަރުކާރުގެ ފޭރާން ހެޔޮ ސިޔާސަތުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އާދަމް އާޒިމް، މަގާމުގެ ހުވާކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަޝްރޫއުން ބުރިޖު އަދި ގުޅޭނީ ތިލަފުއްޓާ ހަމައަށް ކަމަށާއި އޭގެ އިތުރުން އުތުރުތިލަފަޅާ ހަމައަށް ދާން ދެ ބުރިޖެއް ބޭނުންވާ ކަމަށެވެ. އެ ދެ ބުރިޖުގެ މަސައްކަތަށް ބޭނުންވާ މަޝްވަރާތަކާއި ކުރެހުމާއި ތަފްސީލުތަކުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ބުރިޖުތައް ވެސް އަޅާނަން. އަދި މާލެއަށް މި ދިމާވެފައިވާ ގެދޮރުގެ މައްސަލައާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ޖެހޭ. ބޮޑެތި ރަށްތަކުގައި ތަރައްގީ ގެންނަން ޖެހޭ. މި ސަރަހައްދަށް ބަލައިފިއްޔާ އިތުރު ބިން ނުހިއްކައެއް މި މައްސަލަ ހައްލެއް ނުވާނެ. އެހެންވީމާ އަޅުގަނޑުމެން ރަސްމާލޭގެ މަޝްރޫއު ފަށާފައި މިވަނީ. ފޭރާން ނޫން ހެޔޮ ސިޔާސަތަކުން ހައްލުވާން ނެތް މައްސަލަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޭރާން ހެޔޮ ސިިޔާސަތުން ގެދޮރުގެ މައްސަލަ މާލެއަށް ހައްލުކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ފަސް އަހަރު ނިމޭ އިރު، ގެދޮރުގެ ދަތިކަން ދިމާވެފައިވާ ގެދޮރު ނުލިބޭ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށާއި ހުރިހާ ކައުންސިލުތަކެއްގެ އެއްބާރުލުމާއެކީ އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދުމަކީ ގައުމީ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

"މިކަމުގައި ސިޔާސީ ވިސްނުން އިސްކޮށްފިއްޔާ ރައްޔިތުންނަށް ލިބޭނީ ގެއްލުން. އަޅުގަނޑުމެން ކަނޑައަޅާ ސިޔާސަތަކީ ފޭރާން ހެޔޮ ސިޔާސަތަކަށް ވާން ޖެހޭނެ. މާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި، މިންވަރެއްގައި ގެދޮރުގެ މައްސަލަ ހައްލުކޮށްދެވޭ ވަރުގެ ސިޔާސަތެއް އަޅުގަނޑުމެންގެ ސަރުކާރުން ކަނޑައަޅާފައިވާނީ. ހަމައެކަނި މިތާ ކައިރީގައި ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާ، މިތަންތަނުން އެކަނި ހައްލެއް ނުވޭ. އަދި އުތުރުތިލަފަޅު ލިޔަސް ހައްލެއް ނުވޭ މާލޭގައި މިއޮތް ގެދޮރުގެ މައްސަލައެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިރާވަރުފަޅާއި ގުޅިފަޅުގެ ޕްލޭން ހެދުމުގެ މަސައްކަތް ފުރިހަމަކުރެވިގެން އެދަނީ އަދި ކިރިޔާ ކަމަށާއި މި ސަރުކާރުން ހަވާލުވި އިރު، ގިރާވަރުފަޅުގައި ފުރިހަމަ ލޭންޑްޔޫސް ޕްލޭނެއް ވެސް ނެތް ކަމަށެވެ. އަދި އެތަނުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި އިތުރު ބިން ވެސް އެތަނުގައި، އިރާދަކުރެއްވިއްޔާ 50 ހެކްޓަރު އެތަނުގައި ހިއްކާނަން. އަދި ގުޅިފަޅުގައި ވެސް އިރާދަކުރެއްވިއްޔާ އެންމެ ފުންކޮށް އޮތް ބައިވެސް ހިމެނޭ ގޮތަށް ބިން އިތުރުކުރާނަން. އަދި ގުޅިފަޅުގައި ޕޯޓު އެޅުމަކީ ފަންނީ އެއްވެސް މިންގަނޑަކުން ދުރު ރާސްތާއަށް ބަލައި އިރުގައި، މި ދަންނަވާ 20 އަހަރުގެ މާސްޓާ ޕްލޭނަށް ބަލައި އިރުގައި ރަނގަޅު ކަމަކަށްނުވާތީ ތިލަފުއްޓަށް އެ ޕޯޓު ބަދަލުކޮށް، ގުޅިފަޅުން ލިބެން އޮތް އެންމެ ބޮޑު ޖާގައެއް ގެދޮރަށް ހާއްސަކުރެވިގެންދާނެ މިހާރަށްވުރެ ބޮޑަށް. ތިލަފުއްޓަކީ މާލޭގައި މިއޮތް ޕޯޓު ވެސް ބަދަލުކުރެވޭ، އަދި އިންޓަނޭޝަނަލް ފެންވަރުގެ ފެންވަރު ރަނގަޅު ޕޯޓަކަށް އިރާދަކުރެއްވިއްޔާ ހެދިގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މުޅި ދުނިޔޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ ކަނޑުއަޑީގެ ޓަނަލް މާލެއިން ރަސްމާލެއަށް ގުޅުވައިލުމުގެ މަސައްކަތްކުރައްވާނެ ކަމަށާއި އެ ޓަނަލް ވެގެންދާނީ ޓްރެއިންގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލްއަކަށް ކަމަށެވެ.