މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ، އަތޮޅަކާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި، މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން، ކައުންސިލްތައް ފުރިހަމަ މާނައިގައި ބާރުވެރި ކޮށްދޭނެ ކަމަށެވެ. މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވެސް ސަރުކާރުން މަސައްކަތްކުރީ ކައުންސިލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބާރުވެރި ކުރުވަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ކައުންސިލްތަކުގެ އާމްދަނީ ހޯދައިދީ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ބަލާލިއިރު މާލޭގަ ހުރޭ އަތޮޅު ފިހާރަތަކެއް އެހެންނަމަވެސް އެ އަތޮޅު ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އަތޮޅުތަކަށް ހަވާލުކޮށްފައެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެން ނިންމާފަ މިހާރު ވަނީ އިރާދަކުރެއްވިޔާ އޮތްތާގަ އެ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާ އަޅުގަނޑުމެން ހަވާލުކުރާނަން" ރައީސް ވިދާޅުވިއެވެ.

އެއިރުން އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތަކާއެކު މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅު ފިހާރަތަކުން، އަތޮޅު ކައުންސިލްތަކަށް ހަވާލު ނުކޮށް ހުރި ފައިސާ މިހާރު ވެސް އެބަހުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ، އަތޮޅު ކައުންސިލްތަކަށް، ސަރުކާރުން ދޫކުރާނީ ދެފުށް ފެންނަ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކައުންސިލްތަކަށް ވިޔަފާރިއެއް ފެށުމަށްޓަކާ ކޮންމެ ކައުންސިލަކަށް ވެސް އެ ކައުންސިލެއްގެ އިހުތިސޯސް އަދި އިހުތިސޯސުން ބޭރުގައި ހިމެނޭ ރަށެއް ނުވަތަ ފަޅެއް، އާމްދަނީ ހޯދުމަށް ބޭނުން ކުރެވޭނެ އުސޫލުތަކެއް ކެބިނެޓުން ފާސްކޮށް މިހާރު ވަނީ ގެޒެޓް ކޮށްފައެވެ.